ވޮޝިންޓަން (ނޮވެމްބަރ 8) : މެދުއިރުމަތީގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެެމެރިކާ ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނުގެ އެހީތެރިކަމާއި އެއްބާރުލުމަށް އެމެރިކާ އެދިފައިނުވާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ސޫޒާން ރައިސް ވިދާޅުވީ އައިއެސްއާ ދެކޮޅަށްކުރާ ހަނގުރާމައިގާ އީރާނުގެ އެހީތެރިކަމަށް އޮބާމާ އެދިވަޑައިގެންފައިނުވާނެ ކަމަށާއި މިކަމާބެހޭ ގޮތުން އީރާނާ އެކު އެމެރިކާ އެއްވެސް މުޢާމަލާތެއް އަދި ކޯޑިނޭޝަނެއް ވެސް ހިންގާފައިނުވާނެ ކަމުގަ އެެވެ. އަދި އައިއެސް ފާޅުވުމަށް މަގުފަހިކޮށްދިނުމުގައި އީރާނުގެ ދައުރު ބޮޑުކަމަށް ވެސް ސުޒާން ރައިސް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެމެރިކާ ސިފައިން އިރާގަށް އަރައި އިރާގުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް އައިއެސް އުފެދުމުގައި އެއްވެސް ދައުރެއް އަދާކުރި ކަމަކަށް ސުޒާން ރައިސް ވިދާޅެއް ނުވެ އެވެ.

ސޫޒާން ރައިސް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އީރާނުގެ އެހީއަށް އެދި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އަށް ސިޓީއެއް ފޮނުވާފައިވާކަން އެމެރިކާގެ މަޝްހޫރު ނޫހެއް ކަަމަށްވާ "ވޯލްސްޓްރީޓް ޖާނަލް" އިން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރުމާގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. އޮބާމާގެ ސަރުކާރުން މި ޚަބަރަށް ރައްދު ދީފައި މިވަނީ މިކަން ބޭޒާރުވިތާ އެއްދުވަސް ފަހުންނެވެ. މިޚަބަރަށް ވަގުތުން ކޮމެންޓް ކުރުމަށް ވައިޓް ހައުސް އިންވަނީ ފަސްޖެހިފަ އެވެ.

އީރާނަކީ އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވެފައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ފަލަސްތީނުގެ ބިމުގައި ގަދަބާރުން އިސްރާއީލު ދެމިއޮންނަ އޮތުމަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ނުރައްކާކަމަށް އެމެރިކާއާއި އިސްރާއީލުން ދެކޭތީ އީރާނުގެ ކިބައިން އެމެރިކާ އަސްކަރީ އެހީއަކަށް އެދުމަކީ ނޫނީ ނިއުކްލިޔަރ މައްސަލާގައި އީރާނަށް ކުޑަވެސް ދުލެއް ދިނުމަކީ ޔަހޫދީ ޒަޔަނިސްޓުންގެ ބާރާއި ނުފޫޒު ގަދަ އެމެރިކާގައި ވަރަށް ބޮޑު މައްސަލައަކެވެ. މިޚަބަރާ ގުޅިގެން އެމެރިކާގެ ކޮންގްރެސްގެ ވަރަށް ގިނަ މެންބަރުންވަނީ ރުޅިވެރިކަން ފާޅުކުރައްވާފަ އެވެ.

ކޮންގްރެސްގެ ގިނަ މެންބަރުންނަކީ އެމެރިކާގައި ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި އެމެރިކާގެ އިގްތިސާދަށާއި ސިޔާސީ މަސްރަޙަށް ބާރުފޯރުވަމުންދާ ޒަޔަނިސްޓް މަހުޖަނުންގެ ކޮންޓްރޯލްގެ ދަށުގައިވާ ބައެކެވެ. ޚަމަނާއި އަށް އޮބާމާ ފޮނުއްވި ކަމަށްބުނާ ސިޓީގައި، އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ އީރާނުން އެހީތެރިކަން ދީފިނަމަ ނިއުކްލިޔާ މައްސަލާގައި ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގައި އީރާނަށް ދޫތަކެއް ދިނުމަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް "ވޯލްސްޓްރީޓް ޖާނަލް" ބުނެ އެވެ.

އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ އިސްރާއީލުގެެ ނިމުންކަމަށް އެމެރިކާއާއި އިސްރާއީލުން ދެކޭތީ މިޕްރޮގްރާމަށް ކުޑަވެސް ލުއެއް ދިނުމަކީ އެމެރިކާގައި ބޮޑު ޚިޔާނާތެއްގެ ގޮތުގައި އެމެރިކާގައި ސިފަކުރެވޭ ކަމެކެވެ. (ނޫސްއެޖެންސީތައް)