07 Nov 2014, 23:34
އެސްޓީއޯގެ މެޖޯރިޓީ ހިއްސާ އޮންނަ މޯލްޑިވްސް ގޭސްގެ 15 ވަނަ އަހަރީ ދުވަސް ކުލަގަދަ ގޮތަކަށް ފާހަގަ ކޮށްފި އެވެ.
އޮކްޓޯބަރު 3، 1999 ގައި އުފެއްދި މޯލްޑިވްސް ގޭސް 15 އަހަރީ ދުވަސް ފާހަގަ ކުރުން ކުރިއަށް މިރޭ ގެންދިޔައީ
ދަރުބާރުގޭގަ އެވެ. ހުނަރުވެރި ހަރަކާތްތަކާއެކު އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އެ ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިވެފައިވާ ފަރާތްތަކަށް އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލު ކުރި އެވެ.

މޯލްޑިވްސް ގޭސްގެ 15 ވަނަ އަހަރީ ދުވަސް ފާހަގަ ކުރި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ އެ ކުންފުނީގެ އުއްމީދަކީ މުވައްޒަފުން އެއްބައިވެގެން މަސައްކަތް، ކާމިޔާބު އަހަރުތަކެއް ކަނޑައްތު ކުރުން ކަމަށެވެ.
މިރޭގެ ހަފްލާގައި އެކުންފުންޏަށް ދިގު މުއްދަތެއް ވަންދެން މަސައްކަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ވަނީ ދީފަ އެވެ.
މޯލްޑިވްސް ގޭސްއަކީ އެސްޓީއޯގެ 90 ޕަސެންޓް ހިއްސާވާ ކުންފުންޏެވެ. އެ ކުންފުނީގެ 10 ޕަސެންޓް ޗަންޕާ ގޭސް އެންޑް އޮއިލް ޕްރައިވެޓް ލިމިޓެޑްގައި އޮވެ އެވެ. އެ ކުންފުނީގެ ގޭސް ބޭނުންކުރާ 60،000 ކަސްޓަމަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅެ އެވެ.