07 Nov 2014, 18:27
ގާހިރާ (ނޮވެމްބަރު 7) : މިސްރުގެ އެކިތަންތަނުގައި އިއްޔެ އާއި ރޭގެ ވަގުތުތަކުގައި ތިން ބޮމެއް ގޮއްވާލުމުގެ ސަބަބުން 4 މީހުން މަރުވެ ވިއްސަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
އެ ތިންބޮމުގެ ތެރެއިން އެއްބޮން ގޮއްވާލާފައި ވަނީ ގާހިރާގެ އުތުރުގައިވާ ރިޔާސީ ގަނޑުވަރެއް ކަމަށްވާ އަލްގުއްބާ ރިޔާސީ ގަނޑުވަރާ 100 ވަރަކަށް މީޓަރު ދުރުގައިވާ ހިސާބެއްގަ އެވެ. މިއީ އަލްގުއްބާ ރިޔާސީ ގަނޑުވަރަށް އަމާޒުކޮށްގެންދިން ބޮމުގެ ޙަމަލާއެއް ކަމަށް މިސްރުގެ އަމަނާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
މިބޮން އަލްގުއްބާ ރިޔާސީ ގަނޑުވަރާ 100 ވަރަކަށް މީޓަރު ދުރުގައި ގޮއްވާލާފައި ވަނީ އެއަށްވުރެ ބޮޑަށް އެތަނާ ގާތްވެއްޖެނަމަ އެތަން ގާޑުކުރާ މިސްރުގެ ސަލާމަތީ ބާރުތަކަށް އެކަން އެނގުމުގެ ފުރުސަތު އޮތުމުން ކަމަށް ވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ބޮމުގެ އެ ޙާދިސާގައި ގަނޑުވަރަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް އެ ޙާދިސާގައި އަންހެނަކު ވަރަށް ބޮޑަށް ޒަޚަމްވި ކަމަށް މިސްރުގެ އަމަނާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އަލްގުއްބާ ރިޔާސީ ގަނޑުވަރަކީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ ދިރުއުޅުއްވާ ގަނޑުވަރެއް ނޫނެވެ.
ދެ ވަނަ ބޮން ގޮއްވާލާފައި ވަނީ ގާހިރާގެ އުތުރުގައިވާ އަލް މުނޫފިއްޔާ ގަވަނޭޓްގެ ރޭލަކަށް އަމާޒުކޮށްގެންނެވެ. އެ ޙާދިސާގައި ހަތަރު މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާއިރު ތިން ވަނަ ބޮން ގޮއްވާލާފައި ވަނީ ގާހިރާގެ ބިމު އަޑިން ދަތުރުކުރާ މިޓްރޯ ރޭލް ސްޓޭޝަނެއްގަ އެވެ. އެ ޙާދިސާގައި ވެސް އެތަށް ބަޔަކު ޒަޚަމްވި ކަމަށް މިސްރުގެ އަމަނާބެހޭ ފަރާތްތަކުން ބުނެއެވެ.
މިސްރުގެ ދާޚިލީ ވުޒާރާއިން ވަނީ މިއީ މިސްރުގެ ސައިނާ ގައި ހަރަކާތްތެރިވާ އަލްގާއިދާ އަށް ނިސްބަތްވާ އަންސާރު ބައިތުލްމަގްދިސް ޖަމާއަތުން ދިން ބޮމުގެ ޙަމަލާތަކެއް ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެފަ އެވެ. އަންސާރު ބައިތުލްމަގްދިސް ޖަމާއަތަކީ މިސްރުގެ ސައިނާއިގައި ފުޅާދާއިރާއެއްގައި ބޮންގޮއްވުމާއި މީހުން މެރުމުގެ އަމަލުތައް ހިންގަމުން ގެންދާ ހަރުކަށި ޖަމާއަތެކެވެ. މިޖަމާއަތުގެ އެއްވެސް ޙަމަލާއެއް ސައިނާއާ އިންވެގެން އޮންނަ އިސްރާއީލަށް އަމާޒު ނުކުރާއިރު މި ޖަމާއަތުން ވަނީ މިސްރު ސިފައިންނާ ދެކޮޅަށް ހަނގުރާމަ އިޢްލާން ކޮށްފަ އެވެ. (އަލްޖަޒީރާ)