07 Nov 2014, 18:14
ނިޔުޔޯކް (ނޮވެމްބަރ 7): ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ފެތުރެމުންދާ އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ގައުމުތަކަށް ލިބިފައިނުވާ ކަމަށް އދ. އިން ބުނެފިއެވެ.
އެބޯލާ އެންމެ ބޮޑަށް ފެތުރެމުންދާ ތިން ގައުމުކަމަށްވާ ލައިބީރިޔާ ސީރަލިޔޯން އަދި ގިނީ ގެ ސިއްހަތާބެހޭ ނިޒާމުތައް ބައްލަވާލެއްވުމަށްޓަކައި އެގައުމުތަކަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެބޯލާ ކޮންޓްރޯލް ކުރުމާބެހޭ އދ. ގެ މިޝަންގެ ވެރިޔާ ޓޯނީ ބަންބެރީ ވިދާޅުވީ އެބޯލާ ކޮންޓްރޯލް ކުރުމަށްޓަކައި މާއްދީ އަދި ފަންނީ ބޮޑެތި އެހީތަކާއި ވަސީލަތްތައް އެތިން ގައުމަށް ބޭނުންވާ ކަމަށާއި މި އެހީތަކާއި ވަސީލަތްތަކާ ނުލައި އެއެބޯލާ ފެތުރުން ނުހުއްޓުވޭނެކަމުގަ އެވެ.
އެބޯލާ ޖެހިގެން މިހާތަނަށް ދުނިޔޭގެ ގައުމުތަކުން ގާތްގަނޑަކަށް 5000 މީހުން މަރުވެފައިވާއިރު މީގެ ތެރެއިން 27 މީހުން ފިޔަވައި އެހެން އެންމެން މަރުވެފައި ވަނީ ހުޅަނގު އެފްރިކާގެ ތިން ގައުމުކަމަށްވާ ލައިބީރިޔާ ސީރަލިޔޯން އަދި ގިނީ އިންނެވެ. އެ ތިން ގައުމުގައި އެބޯލާ ފެތުރެމުންދާއިރު އަވަށްޓެރި ގައުމުތަކަށް އެ ބަލި ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ.
ބަންބެރީ ވިދާޅުވީ އެ ތިން ގައުމާ އަވަށްޓެރި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ސިއްޙީ ނިޒާމުތަކުގެ ހާލަތު ވެސް އޮތީ ކަންބޮޑުވާންޖެހޭ ހިސާބެއް ގައިކަމަށާއި އެބޯލާގެ ހާލަތެއް ކުރިމަތިވެއްޖެނަމަ އެކަމާ ކުރިމަތިިލުމަށް ތައްޔާރުވެފައިވާ އެއްވެސް ގައުމެއް އަވަށްޓެރި ގައުމުތަކުގެ ތެރޭގައި ނެތް ކަމުގައެވެ.
ބޭހެއް ހޯދިފައިނުވާ އެބޯލާ ބަލި ފެތުރުން ހުއްޓުވޭނެ ތާރީޚެއް އަންދާޒާ ކުރަން ނޭންގޭ ކަމަށް އެބޯލާ ކޮންޓްރޯލް ކުރުމާބެހޭ އދ. ގެ މިޝަނުންނާއި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ބުނެ އެވެ. (ރޮއިޓާސް)