އިލާހީ ގާނޫނުގެ މައްޗަށް ވަޟަޢީ ގާނޫނު ނުވަތަ އިންސާނުން އަމިއްލައަށް ހަދާ ގާނޫނު އިސް ނުކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގައިވާ މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިލްޔާސް ވިދާޅުވި ހުތުބާގައި ވިދާޅުވީ އިންސާނުން އުޅެންވީ ގޮތްތަކާއި އުޅެގެން ނުވާނެ ގޮތްތައް އިލާހީ ގާނޫނުގައި ފުރިހަމައަށް ބަޔާން ކުރައްވާފައިވާ ކަމަށެވެ.

"...އުއްމަތުގެ ސަލަފުއް ސާލިހުން އިއްތިފާގުވެވަޑައިގަންނަވާ ހައްގު ބަސްފުޅަކީ ކީރިތި ޤުރުއާން. ﷲ ގެ ހަޟުރަތުން އައިސްފައިވާ ހައްގު ބަސްފުޅު. އިލާހީ ގާނޫނު. މުސްލިމުންގެ ދުސްތޫރު. އުޅެންވާ ގޮތާއި އުޅެން ނުވާނެ ހުރިހާ ގޮތްތަކެއް. އަޅުގަނޑުމެންނަށް ހަޔާތުގައި ބޭނުންވާނެ ހުރިހާ ކަންތައްތަކެއް ބަޔާންކޮށް ދެއްވާފައިވާ އިލާހީ ގާނޫނު. މިގާނޫނުގެ މައްޗަށް އެއްވެސް ވަޟަޢީ ގާނޫނަކަށް އަޅުގަނޑުމެން އިސްކަން ނުދިނުމަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ،" ޝައިޚު ވިދާޅުވި އެވެ.

އަދި ވިދާޅުވީ މުންކަރާތްތަކާއި ނުބައި ކަންތައްތަކަށް ރުހިގެން ނުތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. ހަމަޖެހުން ލިބޭނީ އެކަންތައްތައް މަނާ ކުރާ ބަޔަކަށް ވެގެން ކަމަށް ވެސް ވިދާޅުވި އެވެ. ޤުރުއާނާއި ހަދީސުން ދަލީލު ދައްކަވައި ވާހަކަފުޅު ދައްކަވަމުން ޝައިޚު ވިދާޅުވީ އެގޮތަށް ކަންތައް ނުކުރާ ނަމަ ލިބޭނީ ދަތި އުނދަގޫ ހިތްދަތި ދިރިއުޅުމެއް ކަމަށެވެ.