07 Nov 2014, 14:30
ތިމާވެށި ހިމާޔަތް ކުރެއްވުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކަށް އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިޝަން ބްލޫ އެވޯޑް ދެއްވައިފި އެވެ.
އެމެރިކާގެ ފްލޮރިޑާގައި ކުރިއަށްދާ ބްލޫ އޯޝަންސް ފިލްމް ފެސްޓިވަލް އެންޑް ކޮންސަވޭޝަން ސަމިޓުގައި ރައީސް ނަޝީދަށް އެ އެވޯޑް ހަވާލުކޮށްދެއްވީ މިޝަން ބްލޫގެ ފައުންޑާ އަދި ކޯ ޗެއާ ޑރ. ސިލްވިއާ އާލް އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. ސިލްވިއާ އާލްގެ ފަރާތްޕުޅުން އެފަދަ އެވޯޑެއް ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. އަދި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަނެ ހައްލުކުރުމުގެ ވިސްނުމާއި ކުޅާދާނަކަން އިންސާނީ މުޖުތަމައަށް ލިބިގެންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހާރު އެމެރިކާގެ ފްލޮރިޑާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފްލޮރިޑާގެ އެކާޑް ކޮލެޖާއި ޔުނިވާސިޓީ އޮފް ސައުތު ފްލޮރިޑާގައި ބުރާސްފަތި ދުވަހު ތަގުރީރު ކުރައްވާނެ އެވެ. ތިމާވެށީ ހިމާޔަތްކުރެއްވުމުގެ މުހިއްމުކަމާއި ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދާ މިންވަރާމެދު ރައީސް ނަޝީދުގެ ވާހަަކަފުޅު ދައްކަވާނެ ކަމަށް އެމަނިކުފާނުގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.