އިންޑިއާއަށް ދަތުރުކުރުމަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެގައުމުގައި މަޑުކުރި ދިވެއްސަކު އެގައުމުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ބިޒްނަސް ސްޓޭންޑާޑް ނޫހުން އިއްޔެ ބުނީ ޗެންނާއީ އެއާޕޯޓުގެ އޮފިޝަލުން ހައްޔަރުކުރީ އަޒީމް ހުސައިން ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކުރި އިރު އޭނާ ވަނީ ވިސާގެ މުއްދަތަށް ވުރެ އިތުރަށް އެއް އަހަރު ދުވަސް ހޭދަކޮށްފައި ކަމަށް ވެސް އެނޫހުން ބުންޏެވެ.

ބިސްނަޒް ސްޓޭންޑާޑްގެ ޚަބަރުގައި ބުނެފައި ވަނީ އަޒީމް ހައްޔަރު ކުރީ ޗެންނާއީ އެއާޕޯޓްގައި ކަމަށް ވިޔަސް އޭނާ އުޅެފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކަމަށެވެ. އޭނާ ޗެންނާއީއަށް އައީ ރާއްޖެއަށް ދަތުރުކުރުމަށް މަތިންދާބޯޓަކަށް އެރުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.


އެއްވެސް އޮފިޝަލަކާ ހަވާލާދީފައި ނުވާ އެޚަބަރުގައިވާ ގޮތުން އަޒީމް މިހާރު ވަނީ އިންޑިއާ ފުލުހުންނާ ހަވާލުކޮށްފައެވެ.