ތޫނިސް : މަޤާމުން ދުރުކުރެވިފައިވާ ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީ އާއި އޭނާގެ އަނބިކަނބަލުން ލައިލާ އާއި އެދެބޭފުޅުންގެ ތިމާގެ ބައެއް މީހުން ހިފައި ހައްޔަރުކޮށްގެން ޝަރީޢަތަށް ޙާޒިރު ކުރުމުގެ ބައިނަލްއަޤްވާމީ އަމުރެއް ތޫނިސްގެ ވަގުތީ ސަރުކާރުގެ އެދުމުގެ މަތިން ބައިނަލްއަޤްވާމީ ފުލުހުންގެ މުއައްސަސާ (އިންޓަރޕޯލް) އިން ނެެފިއެވެ.

އިންޓަރ ޕޯލުން މިއަމުރު ނެރުމުގެ ކުރިން ތޫނިސްގެ ވަގުތީ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ އަލްއަޒްހަރުލްޤުރަވީ ވިދާޅުވެފައިވަނީ ޤައުމުން ފިއްލަވައިގެން އުޅުއްވާ ކުރީގެ ރައީސް ބިންޢަލީއާއި އަނބިކަނބަލުންނާއި އެދެބޭފުޅުންގެ ތިމާގެ ބައެއް މީހުން ހައްޔަރުކުރުމަށް އެހީތެރިވެދިނުމަށް އެދި އެންޓަރޕޯލްގެ ކިބަިއން ރަސްމީ ސިފައެއްގައި ތޫނިސްގެ ސަރުކާރުން މިހާރު އެދިފައިވާނެ ކަމުގައެވެ.

މިކަމަށް އެދެންޖެހުނީ އެބޭފުޅުން ތޫނިސް ރައްޔިތުންގެ ބައެއް މުދަލާއި ފައިސާ ވަގަށްނަންގަވާފައިވާތީ އެބޭފުޅުން ޝަރީޢަތަށް ޙާޒިރު ކުރުމުގެ ބޭނުމުގައި ކަމަށްވެސް އަލްޤުރަވީ ވިދާޅުވިއެވެ. ބިންޢަލީގެ ހަރުކަށި އަދި އަނިޔާވެރި ވެރިކަމާ ދެކޮޅަށް ތޫނިސްގެ ރައްޔިތުން އުތުރިއަރަން ފެށުމުން އޭނާއާއި އޭނާގެ ޢާއިލާވަނީ ސިއްރިޔާތުގައި ޤައުމުން ފިއްލަވައިގެން ސަޢޫދީ އަރަބިޔާއަށް ވަޑައިގެން ޙިމާޔަތް ހޯއްދަވާފައެވެ.

އަނެއްކޮޅުން ލީބިޔާއިންވަނީ ބިންޢަލީއާއި ޢާއިލާ ސައޫދީ އަރަބިޔާ ދޫކުރައްވައި ލީބިޔާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ފެތުރުނު ޚަބަރުތަކެއް ދޮގުކޮށްފައެވެ.
(އަލްޖަޒީރާ+ އަލްޢާލަމް)