މަޖިލީހަށް ހުށަހަޅާފައިވާ ކުށްވެރިން ބަދަލުކުރުމާ ބެހޭ ގާނޫނު ނުވަތަ އެކްސްޓްރޭޑިޝަން ބިލު ފާސްވެ، ގާނޫނަކަށްވުމާއެކު އެ ގާނޫނުގެ ދަށުން ރާއްޖޭން ސޮއިކުރާ ފުރަތަމަ އެއްބަސްވުމަކީ ރަޝިޔަން ފެޑެރޭޝަނާއެކު ސޮއި ކުރާ އެއްބަސްވުމަކަށް ހެދުމަށް އެ ގައުމުން އެދިއްޖެ އެވެ.

ރަޝިޔާގެ ފަރާތުން އެ ކަމަށް އެދިވަޑައިގެންނެވީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ފަހު މިއަދު ފުރާ ވަޑައިގެންނެވި އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޔޫރީ ޔަކޮވްލެވިކް ޗައިކާ އެވެ.

ޗައިކާ އަށް އަލްވަދާއު ވިދާޅުވުމަށް ވަޑައިގެން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ވަޑައިގެން ހުންނަވައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެކަމަށް އާ ބަސް ވިދާޅުވެފައިވާނެ ކަމަށެވެ.

"... ރަޝިޔާ ޕްރޮސެކިއުޓަ ޖެނެރަލްއާ އަޅުގަނޑާ ދެމެދު އެއްބަސްވުމަކަށް އާދެވުނު، އެކްސްޓްރެޑިޝަން ގާނޫނު ފާސްވުމާ އެކު އެންމެ ފުރަތަމަ ރަޝިޔާއާ އެކު އެކްސްޓްރެޑިޝަން އެއްބަސްވުމުގައި، އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރަން. ތިޔަބޭފުޅުންނަށް ވެސް އެނގިލައްވާނެ އެކްސްޓްރެޑިޝަންއާއި އަދި މިއުޗުއަލް ލީގަލް އެސިސްޓެންސް ބިލް އެ އޮތީ މަޖިލީހުގައި. އެ ދެ ބިލު ފާސްވުމާ އެކުގައި އަޅުގަނޑުމެން އެބަ ޖެހޭ ވަކި ގައުމުތަކާ އެކު އެއްބަސްވުންތައް ހަދަން، އެގާނޫނުގެ ދަށުން ގުޅުން ބަދަހި ކުރުމަށް ޓަކައި. އެހެންވީމާ އެ ބޭފުޅުން އިންޓަރެސްޓް ފާޅުކުރައްވާފައި އޮތީ އެންމެ ފުރަތަމަ ގައުމަކަށް ރަޝިޔާއާ އެކު ސޮއިކުރުމަށް. އަޅުގަނޑު ކޮމިޓްމެންޓް ދީފައި ވާނީ،" ޕީޖީ ވިދާޅުވި އެވެ.

ރަޝިޔާއާއެކު އިއްޔެ ސޮއިކުރި އެމްއޯޔޫއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޕީޖީ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އެ ގައުމުން ރާއްޖެއަށް ފަންނީ އެހީތެރިކަން ދޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޕްރޮސެކިއުޓަރުންނަށް ރަޝިޔާގެ ޕީޖީ އެކަޑަމީގައި ތަމްރީނު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލް ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވީ އެބޭފުޅުން އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން ކަމަށެވެ. އަދި ވިދާޅުވީ އިއްޔެ ސޮއިކުރި އެއްބަސްވުމަކީ ކުރިން ތައްޔާރުކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި ހަމަޖެހިފައި އޮތީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އެގައުމަށް ވަޑައިގެން އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ކަމަށެވެ.

ރަޝިޔާގެ މީހަކު ރާއްޖޭގައި ހުއްޓައި ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިޔަ މައްސަލައިގައި އެއްވެސް މަޝްވަރާއެއް ކުރެއްވިތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ޕީޖީ މުހުސިން ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށެވެ.

"...ނޫން އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭ އަދި އޭގެ އެއްވެސް އަސަރެއް ނެތް އިނގޭތޯ،" މުހުތާޒު ވިދާޅުވި އެވެ.