ހާއްސައެހީއަށް ބޭނުންވާ އުމުރުން 17 އަހަރުގެ އަންހެންކުއްޖާކާ މެދު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 60 އަހަރުގެ މީހެއް ކަމަށެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ 60 އަހަރުގެ މީހާއަކީ ކުރިނބީއަށް ނިސްބަތްވާ މީހެކެވެ. އަދި އެމިހާ ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށިންނެވެ.

މި މައްސަލައާ ގުޅިގެން އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ 6:55 ހާއިރު އެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ކޯޓުން އަމުރު ކުރީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށެވެ. އަދި އެ ތަހުގީގަށް 15 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.