އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމާއި، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ލަފަޔަކަށް ރައްޔިތުންގެ މަޖިލީހުން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އެގޮތަށް އެދުނީ ބަޖެޓް ކޮމެޓީން ނިންމައިގެންނެވެ. ބަޖެޓް ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އެގޮތަށް ނިންމާފައި ވަނީ ކޮމެޓީގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމުންނެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު، ބައްދަލުވުމަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިޒުނައަށް އެދިވަޑައިގެންނެވީ އޮޑިޓާ ޖެނަރަލާއި ގަވަރުނަރުގެ ލަފާ ހޯދުމާ ގުޅޭ ގޮތުންނެވެ.

ބަޖެޓް ކޮމެޓީގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ހުށަހެޅުއްވީ އޮޑިޓާ ޖެނަރަލާއި ގަވަރުނަރުގެ ލަފާ ލިޔުމުން ހުށަހެޅުމުގެ ބަދަލުގައި، އެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރައްވައިގެން، ލަފާ ހޯއްދެވުމަށެވެ.

މުގައްރިރު ވިދާޅުވީ، ބަޖެޓް ކޮމެޓީގެ އާންމު އުސޫލަކީ ކޮންމެ އަހަރެއްގައި ވެސް އޮޑިޓާ ޖެނަރަލާއި ގަވަރުނަރުގެ ޕްރްފެޝަނަލް ލަފާ ލިޔުމުން ހޯދުމަށްފަހު، އެބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުން ކަމަށެވެ. މިއަހަރުގެ ބަޖެޓް ދިރާސާ މަރުހަލާގައި އެ ބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ދެ ވަނަ ބަޖެޓުގެ ޖުމްލަ އަދަދަކީ 24،341،906،072 ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި އަންދާޒާކޮށްފައިވެ އެވެ. އެގޮތުން އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭއިރު، ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.