07 Nov 2014, 01:36
ރާއްޖޭގައި އިމާރާތްކުރާ ހުރިހާ އިމާރާތެއް އިންޝުއަރެންސް ކުރަން ޖެހޭ ގޮތަށް ހަމަޖައްސަން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފި އެވެ.
މިރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ، މީގެ ފަހުން ރާއްޖޭގައި އެއް ބުރިއަށްވުރެ މައްޗަށް ނަގާ ގެތައް އިންޝުއަރެންސް ކުރުމަށް ނިންމައި އެކަމަށް ހާއްސަ ޕެކޭޖްތަކެއް ހެދުމުގެ މަސައްކަތް އެލައިޑް އިންޝުއަރެންސް އާއެކު ކުރަމުން އަންނަ ކަމަށެވެ.
"މި ކަމުގެ މަގުސަދަކީ އެއްވެސް ހާލަތެއްގައި ރައްޔިތުންނަށް އުނދަގުލެއް ކުރުމެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ އަގު ބޮޑު ތަކެތި ހިމާޔަތް ކޮށްދިނުން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސްކީމުގެ ކަންކަން އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.
ހުއްދަ ނުހޯދައި އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ވަނީ ބިލެއްވެސް ހުށައަޅާފައެވެ.
އިމާރާތް ކުރުމުގެ ބިލުގެ ނަމުގައި ހުށަހަޅާފައިވާ ބިލުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފި ނަމަ އެ ފަރާތެއް 50،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.