07 Nov 2014, 01:31
ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން އޮފީސް ތަކުގެ މެދުގައި ބޭއްވި ނެޓްބޯޅަ މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ކަސްޓަމްސް އިން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުން ކަސްޓަމްސް މޮޅުވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ވާދަކޮށް 36-28 ޕޮއިންޓުންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓަމްސްގެ އައިމިނަތު ހަލީމެވެ.
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ބީއެމްއެލްގެ އާމިނަތު ލީލާ އެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ކަސްޓަމްސްގެ ހުސްނާ މުހައްމަދާއި ކަސްޓަމްސްގެ އާމިނަތު ހަލީމާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސުހާ ޝަރީފާއި އެޗްޑީސީގެ ރާޝިދާ މޫސާއާއި އެޓާނީ ޖެނެރަލް އޮފީހުގެ އާމިނަތު ރީމް ޝާމް އަދި އެމްއެންޑީއެފް އަމީނާ އަލީ އެވެ.
މިދިޔަ މަހު 12ގައި ފެށި އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަ ޓީމުގެ މައްޗަށް ހިމެނޭ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.