ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ބޭންކް އޮފް ސިލޯނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބޭންކް އޮފް ސިލޯނުން ނަގާ 30 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިރޭގެވަގުތެއްގަ އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، ލޯން އެއްބަސްވުމުގައި ސޮއިކުރުމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބެލްޖިއަމްގެ "ޑްރެޖިން އިންޓަނޭޝަނަލް" ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ. އަދި ހަމަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެއްޓި މަޝްރޫއު އެކެވެ.