'ފޮޓޯ ވޮއިސް މެތޮޑޯލޮޖީ' ބޭނުން ކޮށްގެން މުޖުތަމައުގައި ހުރި އެކިއެކި މައްސަލަތަކާ ގުޅޭގޮތުން އާންމުންނަށް ހިޔާލު ފާޅު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް 'ޕިކްޓޯކް'ގެ ނަމުގައި ޑިމޮކްރެސީ ހައުސް އިން ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން ޑިމޮކްރެސީ ހައުސް އިން ނަސަންދުރަ ޕެލަސް ހޮޓެލްސްގައި ބޭއްވި ހަފްލާގައި އެ ވެބްސައިޓް ލޯންޗް ކޮށްދެއްވީ ޔޫއެންޑީޕީ ދިވެހި ރާއްޖޭގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓިވް ޝޮކޮ ނޯޑާ އެވެ.

މުޖުތަމައުގެ ހާލަތާ މެދު ޒުވާނުންގެ މެދުގައި ފޮޓޯގެ ޒަރިއްޔާއިން މައުލޫތަކަށް ވާހަކަ ދެއްކުމަށް ތައާރަފްކުރި އެވެބްސައިޓުގެއެހީގައި ޒުވާނުންނަށާއި އަދި އެހެން ފަރާތްތަކަށް ހިޔާލު ފާޅުކުރުމަށް އިތުރު ދޮރެއް ހުޅުވިގެން ދާނެ އެވެ.

ހަފްލާގެ ޝަރަފުވެރި މެހްމާން ނޯޑާގެ ވާހަކަފުޅުގައި ވިދާޅުވީ، އޭނާ ވަޑައިގެންނެވި އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ސަރުކާރުގެ މަގާމުތަކުގައި ޒުވާނުންގެ އަދަދު އިތުރު ކަމަށާއި ޒުވާނުންގެ އެހީގައި މުޖުތަމައު ރަނގަޅު ގޮތެއްގައި ބިނާ ކުރެވޭނެ ކަމަށެވެ.

"ތީމް" ތަކެއްގެ މައްޗަށް ޕޮޓޯގެ ޒަރިއްޔާއިން ހިޔާލު ފާޅު ކުރުމަށް ހަދާފައިވާ އެ ސައިޓުގެ ފުރަތަމަ "ތީމް" އަކީ "ދިވެއްސަކަށް ވީތީ" އެވެ. ވާހަކަ ދައްކާ މައުލޫ ކޮންމެ 60 ދުވަހަކުން ބަދަލު ވާއިރު ސައިޓުގެ ފުރަތަމަ ތީމު އިންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.