06 Nov 2014, 23:13
ރާއްޖޭގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާގެ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އިންޖިނިއަރިން ސަރވިސެސް ހައުސިން އެންޑް ކޮމަން އެމެނިޓީސް، ވިމަލް ވީރަވަންސާ އާ ބައްދަލުކުރައްވައިފި އެވެ.
ޑރ. މުއިއްޒު ލަންކާގެ ހައުސިން މިނިސްޓަރާ ބައްދަލު ކުރެއްވީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ކޮރެއާގައި ކުރިޔަށް ދިޔަ "އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް" ގެ ހަވާސާގަ އެވެ.
"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު އިއްޔެ ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަރައްގީ ކުރުމަށް ލަންކާގެ ފަރާތުން އެހީތެރިކަން ދެއްވާނެ ކަމަށް ލަންކާގެ ކޮންސްޓްރަކްޝަން މިނިސްޓަރު ވީރަވަންސާ ވިދާޅުވެފައިވާ ކަމަށެވެ.
ކޮންސްޓްރަކްޝަން އާއި ހައުސިން ގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމާއި އެ ދާއިރާއިން ރާއްޖެ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ދެއްވަން ގަސްދުކުރައްވާ ކަމަށް ވެސް ލަންކާގެ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ލަންކާގެ ހައުސިން މިނިސްޓަރާ އެކު ކޮރެއާގައި ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމަށް އަމަލީ ސިފަ ގެނައުމަށް ޓަކައި އިތުރު މަޝްވަރާތައް ވަރަށް އަވަހަށް ކުރިޔަށް ގެންދަވާނެ ކަމަށެވެ.