06 Nov 2014, 23:14
'ލޯކަލް ކައުންސިލްތަކުގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމާ ބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތީން މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެވިފައިވާ މާގެލޭ މަގުތައް، ސަރުކާރަށް ނެންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު މިއަދު ފާސްކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ފާސްކޮށްފައި ވަނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އިޖްތިމާޢީ ކަންކަމަށް، ދައުލަތުގެ ބިމާއި، ދައުލަތުގެ ބިން ހިމެނޭ ސަރަޙައްދު ސަރުކާރަށް ނެގުމަށް އޮންނަ އުޞޫލާ އެއްގޮތްވާގޮތުގެ މަތީންކަމަށެވެ.
މިއަދުގެ ޖަލްސާގައި، މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި، ނަޖިސްބޭރުވުން ފަދަ ތަފާތު މައްސަލަތައް ޢާއްމު ރައްޔިތުންގެ ފަރާތުން ސަރުކާރަށް ތަކުރާރުކޮށް ހުށަހަޅަމުންދާކަން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވި އެވެ. އަދި، މިކަމުގެ ސަބަބުން ޞިއްޙީގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަކީ ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަންކަން ކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ތުއްތު ކުދިންނާއި ކިޔަވާ ދަރިވަރުން، ވިއްސާރަ މޫސުމުގައި އުފުލަންޖެހޭ ތަކުލީފުތަކާ ގުޅިގެން، އެފަރާތްތަކުގެ ބެލެނިވެރިން ހުށަހަޅާ ޝަކުވާތަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މާލޭގެ މަގުތައް މިނޫން ޙާލަތަކަށް ގެންދިއުމަކީ މާލޭ ސިޓީ ކައުންސިލުގެ ޒިއްމާއެއް ކަމުގައި ވީހިނދު، މިކަން ޙައްލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނުކުޅެދިފައިވާތީ، ސަރުކާރުން މި މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމެވި އެވެ.