06 Nov 2014, 22:57
އެލައިޑް އިންޝުއަރެންސް އިން މިހާތަނަށް ތައާރަފްކުރި އެންމެ ބޮޑު ކަވަރޭޖާއެކު "ސިލެކްޓް ގޯލްޑް" ހެލްތު އިންޝުއަރެންސް ތައާރަފް ކޮށްފި އެވެ.
ޖުމުލަ ކަވަރޭޖެއްގެ ގޮތުގައި 750،000 ރުފިޔާ ލިބޭ އެ ކަވަރޭޖް މިރޭ ތައާރަފްކޮށްފައި ވާއިރު އެ ކަވަރޭޖްގެ ދަށުން ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާ އާއި ތައިލެންޑްގެ އިތުރުން މެލޭޝިއާ އަދި ސިންގަޕޫރާއި ޔޫއޭއީއިން ވެސް ބޭސް ފަރުވާ ކުރެވެއެވެ.
އެ އިންޝުއަރެންސް ތައާރަފް ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ، އެ އިންޝުއަރެންސް އަކީ ރާއްޖޭގައިދެވޭ އެންމެ ބޮޑު ހެލްތު ކަވަރޭޖް ކަމަށާއި އެ ކުންފުނިން ބޭނުންވަނީ ދުނިޔޭގެ އެންމެ ރަނގަޅު ހޮސްޕިޓަލްތަކުން އެކަށީގެންވާ ގޮތަކަށް ހިދުމަތް ހޯދުމުގެ ފުރުސަތު ދިނުން ކަމަށެވެ.
"މިއީ އާސަންދައިގެ އިތުރުން ވީއައިޕީ ސާވިސްއެއް އެފޯޑަބަލް ގޮތެއްގަައި ލިބޭނެ ހިދުމަތެއް،" އަމީލް ވިދާޅުވި އެވެ.
މިރޭ ތައާރަފްކުރި ސްކީމްގެ ޖުމުލަ ކަވަރޭޖެއްގެ ގޮތުގައި 750،000 ރުފިޔާ މިހާރު ހަމަޖައްސާފައިވީ ނަމަވެސް އެ އަދަދު އިތުރު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިރޭ ތައާރަފްކުރެވުނު ސްކީމްގައި އިމަޖެންސީ ހާލަތްތަކުގައި އެއާރ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ، މި އިންޝުއަރެންސް ސްކީމަކީ މިސަރަހައްދުގައި ލިބޭ އެންމެ ރަނގަޅު ސްކީމް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ރައްޔިތަކަށް ރަނގަޅު އިންޝުއަރެންސް ސްކީމެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
އާސަންދައަށް ކުރެވޭ ހަރަދުތަކަށް އަލި އަޅުވާލައްވައި ނާޒިމް ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ސްކީމަށް 753 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެއީ ޖީޑީޕީގެ 4.1 ޕަސެންޓް ކަމަށެވެ. މިސަރަހައްދުގެ ބައެއް ގައުމުތަކާއި މުއްސަނދި ގައުމުތަކާއި އަޅައިބަލާއިރުވެސް ރާއްޖޭގެ އިންޝުއަރެންސް ސްކީމަކީ ނަމޫނާއެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ވަކިވަކި ފަރުދުންނާއި އާއިލާތަކަށްވެސް ނެގޭ އެ އިންޝުއަރެންސް ޕެކޭޖުގައި އަގުތައް ހިމަނާފައިވަނީ އުމުރުތަަކަށް ބަހާލައިގެނެވެ. އެގޮތުން ކުޑަކުދިންގެ އިންޝުއަރެންސް 11،600 ރުފިޔާއިން ފަށާއިރު 65 އަހަރުން މަތީ މީހަކަށް 36،000 ރުފިޔާ އަހަރަކު ދައްކަންޖެހެއެވެ.
މި އިންޝުއަރެންސްގެ ދަށުން ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ގިނަ ދާއިރާތަކެއް ކަވަރުކޮށްދެއެވެ.