ދަވްޙާ (ނޮވެމްބަރު 6): އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާ ބަންދުކޮށް އިސްރާއީލު ސިފައިން އެ މިސްކިތުގެ އެތެރެއަށް ބޫޓާއެކު ވަދެގަނެ އެ މިސްކިތުގެ އެތެރެއަށް ކަރުނަގޭސްޖަހައި ނަމާދުކުރާ މީހުންނަށް ލަޓިބުރިން ޙަމަލާދީ ބައެއްމީހުން ހައްޔަރުކުރުމުގެ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާތީ އިސްލާމީ ގައުމުތަކުން އިސްރާއީލު ކުށްވެރި ކުރަމުން އެބަގެންދެއެވެ.

އިސްރާއީލުގެ މިޖަރީމާތައް ކުށްވެރިކޮށް ކުވައިތުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި އިސްރާއީލަކީ މުސްލިމުންނަށް ޖެއްސުންކޮށް މުސްލިމުންގެ މުގައްދަސް ބިނާތައް ނައްތާލުމަށް މަސައްކަތްކުރާ ހަރުކަށި އުދުވާނީ ގައުމެއް ކަމަށް ސިފަކޮށް، ހިފާފައިވާ ގުދްސުން ފޭބުމަށް އިސްރާއީލަށް ގޮވާލާފައިވެ އެވެ.

ގަތަރުންވަނީ އިސްރާއީލުން މަސްޖިދުލްއަގްސާއާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ ހަރުކަށި އަދި ޖެއްސުމުގެ އަމަލުތަކަކީ އިސްރާއީލުގެ ހަރުކަށި ސިޔާސީ ފަރާތްތަކުގެ މަދަދުލިބިގެން ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ހިންގާ ޖަރީމާތަކެއް ކަމަށް ސިފަކޮށްފައެވެ. އަދި މަސްޖިދުލްއަގްސާ އިސްތިޢްމާރުކޮށްގެން އެ މުގައްދަސް ބިނާއަށް ވެރިވެ ގަނެގެން އުޅެނީ އިސްރާއީލުން ކަމަށްވާތީ އެ މިސްކިތަށް ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އުފުލަންވާނީ އިސްރާއީލު ކަމަށްވެސް ގަތަރުގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ.

މިސްރުގެ ޚާރިޖީ ވުޒާރާއިންވެސް ވަނީ އިސްރާއީލުގެ ހަރުކަށި އަމަލުތައް ކުށްވެރިކޮށް މިފަދަ ބަޔާނެއް ނެރެފައެވެ. މިސްރުގެ ބަޔާނުގައިވަނީ އިސްރާއީލުން މަސްޖިދުލްއަގްސާއާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތަކުގެ ސަބަބުން އިސްރާއީލު އިތުރަށް އެކަހެރިވެގެން ދާނެ ކަމުގެ އިންޒާރު ދީފައެވެ.

ތުރުކީގެ ބޮޑުވަޒީރު އަހްމަދު ދާއޫދު އޮގްލޯ ވަނީ އިސްރާއީލުން މަސްޖިދުލް އަގްސާއަށް ގޯނާ ކުރަމުން ގެންދާ މައްސަލާގައި އިސްރާއީލުގެ ހަރުކަށި ވެރިންނަށް އިންޒާރެއް ދެއްވާފައެވެ. އޮގްލޯ ވިދާޅުވީ އިސްރާއީލަކީ އިސްތިއުމާރީ އަނިޔާވެރި ބާރެއް ކަމަށާއި އަރަބި އިސްލާމީ ގައުމުތަކުގައި އުފެދިފައިވާ ދާޚިލީ ހަނގުރާމަތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިސްރާއީލުން ގުދްސް ޔަހޫދީކޮށް މަސްޖިދުލްއަގްސާ ނައްތާލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށާއި މިކަމާދެކޮޅަށް އަޅަންވާ ފިޔަވަޅުތައް ނާޅައި ތުރުކީ ނޯންނާނެ ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އިސްރާއީލު އެކަހެރި ކުރުމަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ތުރުކީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެއިތުރުން ފަލަސްތީނުގެ ސަރުކާރާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އީރާނާއި އުރުދުން އާއި މެލޭޝިޔާއިންވެސް ވަނީ އިސްރާއީލުން މަސްޖިދުލްއަގްސާއާ ދެކޮޅަށް ހިންގަމުން ގެންދާ ޖެއްސުން ކުރުމާއި ގޯނާކުރުމުގެ ހަރުކަށި އަމަލުތައް ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ.

އިސްރާއީލުގެ ހަރުކަށި ސިޔާސީ ލީޑަރެއް ކަމަށްވާ އެގައުމުގެ ޕާލަމެންޓްގެ ނައިބު ރައީސް މޯޝޭ ފިގިލީން އިސްކޮށް ހުންނަވައިގެން ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ބަޔަކާ އެކު މަސްޖިދުލްއަގްސާގެ ޙަރަމްފުޅުގެ ތެރެއަށް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވަދެގަނެ އެ މުގައްދަސް ބިނާގެ ޙުރަމަތް ކަނޑައި އެތާނގައި ނަމާދުކުރާ މީހުންނަށް ޖެއްސުން ކުރުމުގެ އަމަލުތަކެއްވެސް ހިންގާފައިވެ އެވެ. އަދި އިސްރާއީލުގެ ހައުސިން މިނިސްޓަރު ޔޫރީ އެރިއަލް ވަނީ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ބައެއް ތަޅާލައި އެތަނުގެ ބައެއްގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ފާއިތުވި ދެހަފްތާ ތެރޭގައި އިސްރާއީލު ސިފައިންވަނީ މަސްޖިދުލްއަގްސާގައި ފަލަސްތީނުގެ މީހުން ނަމާދުކުރުން މަނާކޮށް އެކިފަހަރުމަތިން އެ މިސްކިތް ބަންދު ކުރުމުގެ ހަރުކަށި އަމަލުތަކެއްވެސް ހިންގާފައެވެ. އިސްރާއީލުން ހިންގަމުން ގެންދާ މިޖަރީމާތަކާ ގުޅިގެން މީގެ ހައެއްކަ ދުވަސްކުރިން ފެށިގެންދަނީ އިރުމަތީ ގުދްސްގައި ފަލަސްތީނުގެ އާންމުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ. މިކުރިމަތިލުންތަކުގައި އިސްރާއީލުންވަނީ ފަލަސްތީނުގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައި އިތުރު އެތަށް ބަޔަކު ޒަޚަމްކޮށްލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތެއްކަމަށްވާ އިބްރާހީމް ޢަކާރީ އިއްޔެ ވަނީ އިރުމަތީ ގުދްސުގައި އޭނާ ދުއްވި ބަސް އިސްރާއީލު ސިފައިންގެ ބައެއްގެ ގައިގާ ޖައްސައި އިސްރާއީލު ސިފައިންގެ އޮފިސަރަކު މަރާލައި 13 މީހުން ޒަޚަމްކޮށްލާފައެވެ. މިޙާދިސާގައި އިސްރާއީލު ސިފައިންވަނީ އަކާރީ ޝަހީދުކޮށްލާފައެވެ. (އަލްޖަޒީރާ)