06 Nov 2014, 22:28
ސީރިޔާގައި މިހާރު ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ދާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ސްރީލަންކާއިން ހައްޔަރުކޮށްގެން ރާއްޖެ ގެނައި ދިވެހި ދެ ފިރިހެނުންނާއި އަންހެން މީހާ ދުކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، ސްރީލަންކާ އިން ހައްޔަރުކުރި އެ ތިން މީހުން މިއަދު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި އެ މީހުން ކުށެއް ކުރި ކަމަށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނުވެސް ހުންނާނެ ކަަމަށެވެ. ނަމަވެސް އެ ތިން މީހުންނަށް ރާއްޖެއިން ނުފުރޭނެ އިންތިޒާމް މިހާރުން މިހާރަށް ވެސް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެމީހުން ބުނާ ގޮތުގައި އެމީހުން ތުރުކީ ވިލާތަށް ދާން އުޅުނީ ލަންކާގެ ބޭސް ފަރުވާއާ މެދު ހިތް ހަމަނުޖެހޭތީ، އެހެންވީމަ އެއީ [އެމީހުން ޖިހާދަށްތޯ ދާން އުޅުނީ] ތެދެއްތޯ ނޫންތޯ ބެލުން މިއީ އެހާ ފަސޭހަކަމެއް ނޫން ޝަރީއަތެއްގައި ސާބިތުކުރާކަށް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ސްރީލަންކާގެ ފުލުހުންގެ އެހީތެރިކަމާ އެކު ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ އަންހެނެކެވެ. އެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ އިނީ ބަލިވެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން ދީނީ ހަރުކަށި ވިސްނުމަކީ އެއްގޮތަކަށް ވެސް ރާއްޖޭގައި ކުރިއަރާފައިވާ ވިސްނުމެއް ނޫން ކަމަށާއި އެ ވިސްނުމުގައި ރާއްޖޭގައި ތިބީ ވަރަށް މަދު އަދަދެއްގެ ބައެއް ކަމަށް މިނިސްޓަރު ފާހަަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ވަރަށް ގިނަ ދީނީ ޖަމިއްޔާތަކުން އެފަދަ ވިސްނުމުގެ މީހުން މެއިންސްޓްރީމްއަށް ގެނެސް މަސައްކަތް ކުރަމުން ގެންދާ ކަން ފާހަގަކުރައްވައި އެޖަމާއަތްތަކަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި އިސްލާމީ މުުޖުތަމައުއަކަށް ހެދޭނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.