މިއަަހަރުގެ ތެރޭގައި 23 ފުލުހަކު، ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.

ވެލާނާގޭގައި ހޯމް މިނިސްްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މަސައްކަތްތަކާ ބެހޭ ގޮތުން ގިނަ ބަޔަކު ފާޑުކިޔަމުންދާކަން ފާހަގަކުރައްވައި ސައުދީ ވިދާޅުވީ، ފުލުހުންގެ ތެރެއިން ހުށަހެޅިފައިވާ ތަފާތު 257 މައްސަލައެއް މިއަހަރުގެ މިހާތަނަށް ބަލާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ވަޒީފާގައި ބޭތިއްބެން ނެތް ފުލުހުން ވަޒީފާ އިން ވަކިކުރުމަށްފަހު، 115 މުވައްޒަފަކަށް އެކި ގޮތް ގޮތުން ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ މަސައްކަތްތަކާ ބެހޭ ގޮތުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ލިބެމުންދޭ. ޕްރޮފެޝަަނަލިޒަމް އިތުރު ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ވެސް ހާއްސަ ސަމާލު ކަމެއް ދޭ ކަމެއް. އެގޮތުން މިއަހަރު ތެރޭގައި 23 މުވައްޒަފަކު އަޅުގަނޑުމެންގެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް [ފުލުހުންގެ] ތެރޭގައި ބައިތިއްބަން ފެންނަ ބައެއް ކަމުގައިނުވާތީ ވަޒީފާ އިން ވާނީ ވަކިކޮށްފައި،" ސައުދީ ވިދާޅުވި އެވެ.

މުޖުތަމައުގައި ހިނގާ ތަފާތު ކުށްތައް މަދުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ސައުދީ ވިދާޅުވީ، ފުލުހުންގެ ތަހުގީގުތައް އަވަސް ކުރުމާއި އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ފުލުހުންގެ ބަންދުގައި ބޭއްތިއްބުމުގެ ބަދަލުގައި އެމީހުންގެ ތަހުގީގު ވީ އެންމެ އަވަހަކަށް ނިންމައި އެމީހުން ދޫކުރަމުން ގެންދާ ކަމަށެވެ.

މީގެއިތުރުން ފުލުހުންގެ އިދާރާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ސައުދީ ވިދާޅުވި އެވެ. އަދި ފުލުހުންގެ އިދާރާގެ މަސައްކަތް މާލެ އާއި އަތޮޅު ތެރޭގައި އެއްގޮތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އާއްމުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ރާވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.