06 Nov 2014, 21:54
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ޖެހިގެން އައިދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތެއްގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުގެ ފަރާތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ފިލައިގެން އުޅޭ ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޓެރަރިޒަމްގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކޮށްދިނުން އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ދަނީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު އަޙްމަދު ސަލީމް،32، އާއި ގދ.ތިނަދޫ، ސްކޫނާ މުޙައްމަދު ވާޞިފް،42، ކަމަށެވެ.
އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ޕޮލިސްޓޭޝަނާއި އެތަނުގައި ހުރި އެންމެހައި ވެހިކަލްތަކުގެ އިތުރުން ތިނަދޫ ކޯޓުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އަހްމަދު ސަލީމް އާއި މުހައްމަދު ވާސިފް ފިޔަވައި އެހެން ހުރިހާ އެންމެންގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.