ރާއްޖޭގެ އެންމެ ދުވަސްވީ، އަދި އަމިއްލަވަންތަ އެއް ކުޅިވަރު ކަމަށްވާ ބަށިބޯޅަ، ފުރަތަމަ ފަހަރަށް ބޭރުގެ ގައުމަކަށް ތައާރަފް ކުރުމައްޓަކައި ބަށިބޯޅަ އެސޯސިއޭޝަންގެ ވަފުދެއް މިއަދު އަވައްޓެރި އިންޑިއާއަށް ފުރައިފި އެވެ.

ބަށިބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލުންތަކެއް އެކުލެވޭ މި ވަފުދު އިންޑިއާގެ ޓްރިވެންޑްރަމަށް ފުރާފައި ވަނީ މިއަދު ހަވީރު 4:15 ގައެވެ.

އިންޑިއާއަށް ދިޔަ ބަށިބޯޅަ އެސޯސިއޭޝަންގެ ވަފުދުގައި ހިމެނެނީ އެ އެސޯސިއޭޝަންގެ ރައީސާ ޝިޔާމާ އަހުމަދު ގެ އިތުރުން، ނައިބު ރައީސާ މަރިޔަމް ލީނާ އާއި، އިންތިޒާމް ސެކްރެޓެރީ ނަސްރީނާ އަބްދުﷲ އާއި، އަންޕަޔަރު ހަލީމާ ސައީދާ އާއި، އޮނަރަރީ މެންބަރު އަހުމަދު ޒަމީރު އެވެ.

ޓްރިވެންޑްރަމަށް ފުރުމުގެ ކުރިން ހުޅުލޭ ފެރީ ޓާމިނަލްގައި 'ސަން'އަށް މައުލޫމާތު ދެއްވަމުން، ބަށިބޯޅަ އެސޯސިއޭޝަންގެ ރައީސާ ވިދާޅުވީ، މި ދަތުރުގައި ބަށިބޯޅައާ ބެހޭ ވޯކްޝޮޕެއް އިންޑިއާގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިންޑިއާގައި ހަތަރު ޓީމެއްގެ މެދުގައި ބަށި މުބާރާތެއް ކުޅުމަށް ހަމަޖެހިފައި ވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ މާދަން އޮންނާނީ ޓްރޭނިންގް ވޯކްޝޮޕެއެއް. އެއަށްފަހު އޭގެ އަނެއް ދުވަހު މުބާރާތުގެ މެޗުތައް ފެށޭނެ. އިންޑިއާގެ ޓީމުތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދިފައި ވޭ. ނަމަވެސް މި ދަތުރުގެ މަގްސަދަކީ މައުލޫމާތު ދިނުމާއި އޮފިޝަލުން ތަމްރީނު ކުރުން ކަމަށް ވުމާއެކު، މެޗުތައް ކުޅެވޭނީ ހަމަ އެކަނި ދިވެހިންގެ ތެރޭން ހޮވާލެވޭ ޓީމްތަކުގެ މެދުގައި،" އޭނާ ވިދާޅުވި އެވެ.

ޝިޔާމާ ވިދާޅުވީ، އިންޑީއާގައި އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތަކީ ބަށިބޯޅަ ފައުންޑޭޝަނާއި، އިންޑިއާގައި އޮންނަ ދިވެހިންގެ ޖަމިއްޔާއަކާއި އިންޑިއާގެ ކޮންސިއުލޭޓުން ގުޅިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގެ މެޗުތައް ކުޅެވޭނީ މި މަހުގެ ހަތަކުން 12 އަށް ކަމަށާއި، މެޗުތައް ކުޅެން ރާވާފައި ވަނީ ހަވީރާއި ރޭގަނޑު ކަމަށެވެ.

އޭނާ ވިދާޅުވީ، ބަށިބޯޅަ އެސޯސިއޭޝަންގެ މަގްސަދަކީ ބޭރުގެ ގައުމުތަކަށް މި ކުޅިވަރު ތައާރަފް ކުރުން ކަމަށާއި، އެ ގޮތުން މި ދަތަރުގައި އެންމެ ފުރަތަމަ ފަހަރަށް އިންޑިއާއަށް ބަށިބޯޅަ ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ 2015 އިން ފެށިގެން އިންޑިއާ އަދި ސްރީލަންކާގައި ކޮންމެ އަހަރަކުވެސް މުބާރާތް ބޭއްވުން. މި މުބާރާތްތަކުގައި މުޅި ރާއްޖޭން ހޮވާލެވޭ ޓީމެއްވެސް ބައިވެރި ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިޔާމާ ވިދާޅުވީ، ބަށިބޯޅަ އިންޑިއާއަށް ތައާރަފް ކުރުމުގެ މަސައްކަތް ކުރެވިގެން މިދަނީ ދިވެހި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު ކަމަށާ، އެކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އޭގެ އިތުރުން ޔޫތު މިނިސްޓްރީއާއަ އޮލިންޕިކް ކޮމިޓީން ކޮށްދެއްވި މަސައްކަތަށްވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.