ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، 11 ސްކޫލެއްގެ ޑިޒައިން ތައްޔާރު ކުރުމަށްޓަކައި އާޗެންގް ސްޓޫޑިއޯއާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާޗެންގް ސްޓޫޑިއޯއާ އެކު 90،000 ރުފިޔާގެ އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުއްސަމީއު ހަސަނެވެ. އަދި އާޗެންގް ސްޓީޑިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ސްޓޫޑިއޯގެ ޑިރެކްޓަރު މުހައްމަދު ހަމީން އެވެ.

މިއަދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ޑިޒައިންތައް ތައްޔާރުކުރަން ހަމަޖެހިފައި ވަނީ ގއ. ގެމަނަފުށީ ސްކޫލްގެ ފަސް ކްލާސްރޫމުގެ ބްލޮކަކާއި ހދ. ކުޅުދުއްފުށީ ދެ ޕްރީ ސްކޫލަކާއި ގދ. ހޯނޑެއްދޫ ފަސް ކްލާސްރޫމާއި ސުޕަވައިޒަރުންގެ ރޫމް ބްލޮކަކާއި ސ. ފޭދޫ ސްކޫލުގެ 12 ކްލާސްރޫމުގެ ބްލޮކެއްގެ އިތުރުން ހއ. އިހަވަންދޫ ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ 10 ކްލާސް ރޫމްގެ ބްލޮކްވެސް ޑިޒައިން ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މީގެ އިތުރުން ލައިބްރަރީ ބްލޮކަކާއި ސައިންސް ލެބޯޓްރީ ބްލޮކަކާއި ދެކްލާސް ރޫމާއި އޯޑިއޯ ވިޝުއަލް ރޫމް ބްލޮކެއްގެ އިތުރުން ހަ ކްލާސްރޫމްގެ ބްލޮކެއް ވެސް ޑިޒައިން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އެއްބަސްވުމުގައި ސޮއިކުރި މަޝްރޫއުގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.