06 Nov 2014, 20:20
ދިވެހި ރުފިޔާގައި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް ހިމެނުމަށްޓަކައި ރުފިޔާގެ ނޫޓުތަކުގެ ފަރުމާއަށް ބަދަލުގެނެސްގެން ނެރޭ، 'ރަން ދިހަފަހެއް' ނޫޓު ސީރީޒަށާއި ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރޭ ހަނދާނީ ނޫޓަށް ފަރުމާ ހުށަހެޅުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލުން ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 'ރަން ދިހަފަހެއް' ނޫޓު ސީރީޒަށާއި ހަނދާނީ ނޫޓަށް ފަރުމާ ހުށަހެޅުމަށް ސެޕްޓެމްބަރު ތިނަކުން އޮކްޓޫބަރު 30ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ލިބިފައިވާ ހުށަހެޅުންތަކުގައި ނޫޓުގައި ބޭނުންކުރުމަށް އެކަށޭނަ ހުށަހެޅުންތަކެއް ލިބިފައި ނުވާތީ، އެ ހުށަހެޅުންތައް ބާތިލްކޮށް، އަލުން ފަރުމާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފަރުމާކުރުންތައް ހުށަހެޅުމަށް ކުރިން ހުޅުވާލި ފުރުސަތުގައި 55 ފަރާތަކުން 66 ފަރުމާ ހުޅުވާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި 'ރަންދި ފަހެއް' ސީރީޒަށް ހުށަހަޅާފައިވާ 45 ހުށަހެޅުމާއި ހަނދާނީ ނޫޓަށް ހުށަހަޅާފައިވާ 21 ހުށަހެޅުން ހިމެނޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
"ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ، ދިވެހިރާއްޖޭގެ އެކި ދާއިރާތަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބައެއް ބޭފުޅުންގެ މައްޗަށް އެކުލެވޭ ލަފާދޭ ކޮމިޓީއަކުންނާއި 'ރަންދި ފަހެއް' ސްޓިއަރިން ކޮމިޓީންނެވެ." އެ ބަޔާނުގައިވެ އެވެ.
ކުރިން ހުށަހެޅި ހުށަހެޅުންތަކުގައި ވަރަށް ބުރަމަސައްކަތް ކޮށްގެން ފަރުމާކޮށްފައިވާ މަދު އަދަދެއްގެ ފެންވަރު ރަނގަޅު ހުށަހެޅުންތަކެއް ހުރި ނަމަވެސް، ހުރިހާ ހުށަހެޅުންތަކެއް ބާތިލުކޮށް އަލުން ފަރުމާތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމީ، އެ ހުށަހެޅުންތަކުގައި ނޫޓެއްގައި ހިމަނަން އެކަށޭނަ ފަރުމާއެއް ހިމަނާފައި ނުވާތީ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ ގިނަ ކުރެހުމާ ފޮޓޯތަކަކީ، ހަވާލާދެވިފައި ނުވާ، އަދި އާދައިގެ އިންޓަނެޓް ސާޗަކުން ވެސް އެ ފޮޓޯތަކާއި ކުރެހުންތައް ފެންނަން ހުރި ހުށަހެޅުންތަކެއް ކަމަށް ވާތީ ކަމަށްވެސް އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލުން ހުޅުވާލި ފުރުސަތުގައި ހުށަހެޅުންތައް ތައްޔާރުކުރާން ޖެހޭނެގޮތުންގެ ތަފްސީލުތަކާއި 'ގައިޑްލައިން'ތަކާއި އަދި މުއްދަތު ހަމަވާނެ ތާރީހު، އަންނަ އާދީއްތަ ދުވަހު އެމްއެމްއޭގެ ވެބްސައިޓާއި ރަންދި ފަހެއްގެ ވެބްސައިޓުގައި ޝާއިއުކުރުމަށް އެ އޮތޯރިޓީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނޫޓްސެޓް ފަރުމާ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ އިރު އެންމެ ރަނގަޅު 'ކޮންސެޕްޓެއް' ހުށަހަޅާ ފަރާތަކަށް، 300،000 ރުފިޔާގެ އިނާމެއް ދޭން އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ. އަދި ކޮންސެޕްޓް ހުށަނޭޅި ނަމަވެސް ހަމައެކަނި ނޫޓްގެ ފަރުމާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރުމާތަކަށް 13،000ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ އިރު މިނިވަން 50 އާ ދިމާކޮށް ނެރޭ ހަނދާނީ ނޫޓަށް ވެސް އެންމެ ރަނގަޅު ފަރުމާއެއް ހުށަހަޅާ ފަރާތަކަށް 50،000 ރުފިޔާގެ އިނާމެއް ދޭން އެ އޮތޯރިޓީން ވަނީ ނިންމައިފަ އެވެ.