ސިއްހީ ޚިދުމަތް އެއްގަމު މަގުން ޔަގީން ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހެލްތު މިނިސްޓްރީއަށް 54 އެމްބިއުލާންސް ހޯދުމަށް އެސްޓީއޯއާ ހަވާލުކޮށްފި އެވެ.

އެސްޓީއޯއަށް 54 އެމްބިއުލާންސް ހޯދުމަށް އެސްޓީއޯއާ ހަވާލު ކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިގް ޑިރެކްޓަރު އާދަމް އާޒިމް އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ 54 އެމްބިއުލާންސްގެ ތެރެއިން ހަތަރު އެމްބިއުލާންސް ބޭނުން ކުރާނީ ޕެރަމެޑިކް އެމްބިއުލާންސްގެ ގޮތުގައި ކަމަށެވެ. އޭގެ ތެރެއިން ދެ އެމްބިއުލާންސް މާލޭގައި ބޭނުން ކުރާއިރު، އަނެއް ދެ އެމްބިއުލާންސް ގެތެރެއިން އެއް އެމްބިއުލާންސް އައްޑޫ ސިޓީއަށް އަދި އަނެއް އެމްބިއުލާންސް ލ. އަތޮޅަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިގޮތަށް އަޅުގަނޑުމެންނަށް ކަނޑައަޅަންޖެހުނީ ބިންބޮޑު އަބާދީގައި ގިނަ ތަންތަނަށް ދުއްވަން ޖެހޭނެތީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެ ހަތަރު އެމްބިއުލާންސް ރާއްޖެ ގެންނައިރު ހުންނާނީ ޕެރަމެޑިކް އެމްބިއުލާންސް އެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ކުރެވިފައި ކަމަށާއި އަންނަ އަހަރުގެ ޖޫން މަހުގެ ކުރީކޮޅު 50 އެމްބިއުލާންސްތައް ރާއްޖެގެނެސް ނިމޭނެ ކަމަށެވެ.

އެ އެމްބިއުލާންސްތައް ގެނައުމުން ހުރިހާ ރަށަކަށް އެމްބިއުލާންސް ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަންސާސް އެމްބިއުލާންސް ދިނުމަށް މިހާރު ރަށްތަށް ކަނޑައަޅާފައިވާ ކަމަށާއި، އެމްބިއުލާންސް ދިނުމުގައި އިސްކަންދީފައިވާނީ އެމްބިއުލާންސް މިހާރު ނެތް ރަށްތަކަށް ކަމަށެވެ. އަދި އެމްބިއުލާންސް ހަލާކުވެފައި ހުރި ރަށްތަކުގެ އެމްބިއުލާންސްތައް ހަދައިގެން ބޭނުން ކުރަން ހަމަޖެހިފައިވާއިރު، އެއްގޮތަކަށް ވެސް ހަދައިގެން ބޭނުން ނުކުރެވޭ ހާލަތުގައި އެމްބިއުލާންސް ހުރި ރަށްތަކަށް ވެސް އެމްބިއުލާންސް ހަވާލު ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްބިއުލާންސްތައް ގަތުމަށް 2.5 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެފައިސާ މިހާރު ހުރީ ހަމަޖެހިފައި ކަމަށެވެ.