ޤާހިރާ : މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރުމަށްޓަކައި މިސްރުގެ އެތަށް ހާސްބަޔަކު އަނެއްކާވެސް ވެރިރަށް ޤާހިރާގެ މެދުތެރެއަށް ޖަމާވާން ތައްޔާރުވަމުންދާ ކަމަށް ޚަބަރު ލިބިއްޖެވެ.

މިސްރުގެ ބައެއް ފަރާތަކާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި މިބައިމީހުން ޤާހިރާގެ ދާރުލްޤަޟާއުލްޢާލީ ގެ ކުރިމައްޗަށް ޖަމާވިޔަ ނުދިނުމަށްޓަކައި މިސްރުގެ ފުލުހުންނާއި ސަލާމަތީ އެހެން ބާރުތައްވަނީ ތައްޔާރީ ޙާލަތަށް ގެނެވިފައެވެ. މިއީ، ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ގޮވާލާ މިސްރުގެ އެތަށްހާސްބަޔަކު މިދިޔަ އަންގާރަދުވަހު ކުރި އާދަޔާ ޚިލާފު މުޒާހަރާތައްވެސް ފެށުނު ތަނެވެ.

އަންގާރަ ދުވަހުގެ މުޒާހަރާތައް ޤާހިރާގެ އެތަށް މައިދާންތަކެއްގައާއި ޤާހިރާގެ އިތުރުން މިސްރުގެ ބޮޑެތި ހުރިހާ ރަށްތަކެއްގައި ވަރަށް ފުޅާދާއިރާއެއްގައި ވަނީ ކޮށްފައެވެ. މިއީ ރައީސް ޙުސްނީ މުބާރަކްގެ ނިޒާމާ ދެކޮޅަށް މިސްރުގައި ކުރެވުނު އެންމެ ވަރުގަދަ މުޒާހަރާތައް ކަމަށާއި މިއީ އާދަޔާ ޚިލާފު މުޒާހަރާތަކެއް ކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ. މިމުޒާހަރާތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުން ހަތަރު މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންގާރަ ދުވަހުގެ މުޒާހަރާތަކާ ގުޅިގެން އެމެރިކާވަނީ ރައީސް މުބާރަކްގެ ނިޒާމަށް ކުރިމަތިވެފައިވާ ނުރައްކާ ތަކާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. މުބާރަކްގެ ދިގުލީ ވެރިކަން ދެމެހެއްޓުމުގެ ފަހަތުގައިވާ އެންމެ ވަރުގަދަ ފަރާތަކީ އެމެރިކާކަމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އަންގާރަ ދުވަހު މިސްރުގެ ކަންކޮޅުތަކުގައި މުޒާހަރާކުރި މީހުން ރައީސް ޙުސްނީ މުބާރަކާއި އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ދެކޮޅަށް ނުރުހުމާއި ނަފްރަތުގެ އަޑުތައް އުފުލައި މުބާރަކްގެ ވެރިކަން ވައްޓާލުމަށާއި މިސްރުގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލަމުން ދިޔައެވެ. މީގެއިތުރުން ޢަރަބި ޤައުމެއް ކަމަށްވާ ތޫނިސްގެ ރައްޔިތުން ތެދުވެ އެޤައުމުގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީގެ ވެރިކަން ދާދިފަހުން ވައްޓާލާފައިވާތީ އެކަމަށް މަރްޙަބާކިޔައި ތޫނިސްގެ ރައްޔިތުންނަށް ތަޢްރީފްކޮށް ބިންޢަލީ އަށް ނުރުހުމުގެ ބަސްތައްވެސް ރައްދުކުރިއެވެ.

އަންގާރަ ދުވަހުގެ މުޒާހަރާތަކުގެ އިސްސަފުގައި އެކްޓިވިސްޓުންގެ ގޮތުގައި މިސްރުގެ ޢިލްމީ ބައެއް ފަރާތްތައްވެސް ޙަރަކާތްތެރިވެފައިވެއެވެ. އަދި މައިގަނޑު ގޮތެއްގައި މުޒާހަރާތައް ކުރިޔަށްދިޔައީ ސުލްހަވެރިގޮތުގައި ނަމަވެސް ބައެއް ސަރަޙައްދުތަކުގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ފުލުހުން ކަރުނަގޭހާއި ލަޓިބުރިއާއި ޕްރެޝަރ ފެންފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ފުލުހުންގެ މީހަކާއި އާންމުންގެ 3 މިހުންވަނީ މަރުވެފަ އެވެ. މިސްރުގެ އިދިކޮޅު ފަރާތްތަކުން މި މުޒާހަރާތައް ސިފަކުރަނީ މުބާރަކްގެ ވެރިކަމާދެކޮޅަށް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފްރަތު ހާމަކުރުމުގެ ސިލްސިލާ ތަކެއްގެ ގޮތުގައެވެ. (ރޮއިޓާސް+ބީ.ބީ.ސީ)