ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲ އަމިއްލަ އަށް ފިލީތޯ، ގެއްލުނީތޯ، ބަޔަކު އޭނާ ފިލުވީތޯ ނުވަތަ ބަޔަކު އޭނާ ވަގަށް ނެގީތޯ ކަނޑައަޅަން އަދި މާ އަވަސް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް އެއް އަހަރު ފުރެމުންދާއިރު ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މުއައްސަސާތަކުން ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވިދާޅުވީ ރިޟުވާން ގެއްލުނީ ކަމަށް ބުނެ ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް އޭނާ ގެއްލުނީ ކަމަށް ކަނޑައަޅަން އަދި މާ އަވަސް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިޟުވާން ހޯދުމަށްޓަކައި ފުރޮޅަންޖެހޭ އެއްވެސް ގާކޮޅެއް ނުފުރޮޅާ ނުބާއްވާނެ ކަމަށާއި އޭނާ އަދި ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ބައެއް އިދިކޮޅު ފަރާތްތަކުން އެބަ ބުނޭ [ރިޟުވާން] ގެއްލުވާލީއޭ، އެއީ ނުބައި ޓާމްއެއް، އަދި މާ އަވަސް އެ ޓާމް ބޭނުންކުރަން، ރިޟުވާން އިރާދަކުރެއްވިއްޔާ ފެންނާނެ، ފެނުނީމަ އެނގޭނީ އެނާ ގެއްލުނީތޯ އޭނާ އަމިއްލަ އަށް ފިލީތޯ، ބަޔަކު އޭނާ ފިލުވީތޯ ނުވަތަ ބަޔަކު އޭނާ ވަގަށް ނެގީތޯ،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ގެއްލޭ މީހުން ހޯދުމަކީ އޭހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ކޮންމެ ކުށަކީ އެހާ ފަސޭހައިން ހައްލުވާނެ ކުށެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖެ އަށް ވުރެ ވަސީލަތްތަކުގެ ގޮތުން މާ ތަނަވަސް ގައުމެއް ކަމުގައިވާ އެމެރިކާގައި މިއަހަރު އެކަނި ވެސް 600 އަށްވުރެ ގިނަ މީހުން ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވުރެ މާ ބޮޑު ގައުމެއް އެމެރިކާ އަކީ އެ ގައުމުގެ ސްޓެޓިސްޓިކް އިން ފެންނަ ގޮތުގައި މިއަހަރު އެކަނި ވެސް 600 އަށްވުރެ ގިނަ މީހުން އެބަ އޮތް ގެއްލިފައި. އެމީހުންގެ ރިސޯސް ވެސް ބަޖެޓް ވެސް އަޅުގަނޑުމެންނަށް ވުރެ މާ ބޮޑުވާނެ. އެކަމަކު ނުހޯދިފައި. އެހެންވީމަ ގެއްލޭ މީހަކު ހޯދުމަކީ އެހާ ފަށޭހަ ކަމެއް ނޫން، ކޮންމެ ކްރައިމް އަކީ ސޯލްވާ ކްރައިމެއް ނޫން. އެ ކްރައިމެއް ސޯލްވީމަ އެނގޭނީ އެއީ ކްރައިމެއްތޯ،" އުމަރު ވިދާޅުވި އެވެ.

ރިޟުވާން ހޯދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރިޟުވާން ހޯދުމަށް ފުލުހުން މިހާރު ކުރަމުންގެންދާ މަސައްކަތުގެ ދަށުން 22،000 އަށްވުރެ ގިނަ ފޯން ކޯލް ރެކޯޑްތައް ބަލަމުން އަންނައިރު 4000 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖްތައް އިތުރަށް ބަލަން ޖެހޭ ކަމަށެވެ.

ރިޟުވާން ގެއްލުނު ފަހުން މިއަދަށް 89 ދުވަސް ވެފައިވާއިރު މިހާތަނަށް އެ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން އެކަކު ފިޔަވައި އެެންމެން ވަނީ ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ހުރި މީހާގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

ރިޟުވާން ގެއްލުނު މައްސަަލައާ ގުޅިގެން އޭނާގެ އާއިލާ އިން ވަނީ އޭނާ ހޯދުމުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ކުރިއެރުން ލިބިފައިނުވަނީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.