06 Nov 2014, 18:12
މި އަހަރުގެ ދެވަނަ ކުއާޓާގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 12 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ޝަރުއީދާއިރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލެއާއި އަތޮޅުތަކުގެ ކޯޓުތަކަށް 4493 މައްސަލަ ހުށަހެޅިފައިވާއިރު ދެވަނަ ކުއާޓަރުގައި ހުށަހެޅިފައިވަނީ 5046 މައްސަލައެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރާއާ އަޅާ ބަލާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2771 އިން 3013 އަށް އިތުރުވެފައިވާއިރު ހަމަ އެމުއްދަތުގައި މާލޭގެ ސުޕީރިއާ ކޯޓުތަކަށް ހުށަހެޅުނު މައްސަލާގެ އަދަދު 1722 އިން 2033 އަށް އިތުރުވެގެން ގޮސްފައިވެއެވެ.
ފުރަތަމަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކާއެކު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިސްބަތުން 29 އިންސައްތަ މައްސަލަ ނިންމާފައިވާއިރު ދެވަނަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކާއެކު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިސްބަތުން 32 އިންސައްތަ މައްސަލަ ނިންމާފައިވެއެވެ. ނިންމި މައްސަލަތަކުގެ އަދަދަށް ބަލާއިރު މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 19 އިންސައްތަ އިތުރު އަދަދެެއް ކަށް ތަފާސް ހިސާބުތަކުން ހާމަވެއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ކޯޓުތަކުން 4165 މައްސަލަ ނިންމާފައިވާއިރު ދެވަނަ ކުއާޓަރުގައި ނިންމިފައިވަނީ 4945 މައްސަލައެވެ. މީގެ ތެރޭގައި ހިމެނެނީ މެޖިސްޓްރޭޓް ކޯޓުތަކުން ދެވަނަ ކުއާޓަރުގައި ނިންމި 2799 މައްސަލައާއި ސްޕީރިއާކޯޓުތަކުން ނިންމި 2146 މައްސަލައެވެ. ފުރަތަމަ ކުއާޓަރުގައި މެޖިސްޓްރޭޓް ކޯޓުތަކުން 2259 މައްސަލަ ނިންމާފައިވާއިރު ސްޕީރިއާކޯޓުތަކުން 1906 މައްސަލަ ވަނީ ނިންމާފައެވެ.