ށ. ފުނަދޫ ސްކޫލްގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް 28.7 މިލިއަން ރުފިޔާ އަށް ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

އެ ރަށު ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ވިމްލާއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ވަނީ މިއަދު ސޮއިކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަބްދުއްސަމީއު ހަސަނެވެ. އަދި ވިމްލާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދެވެ.

އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަ ޖެހިފައިވާ އެ މަސައްކަތުގައި 16 ކްލާސްރޫމާއި ހޯލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް އަޅާ އިމާރާތް ނިމުމުން އެ ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުންޏެވެ. މި ދިޔަ އަހަރު މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭން ފެށި އެ ސްކޫލްގައި 490 ދަރިވަރުން ތައުލީމު ހަސިލް ކުރަމުންދެއެވެ.