06 Nov 2014, 16:13
މޯލްޑިވްސް ޗެސް ފެޑަރޭޝަނުން އިންތިޒާމް ކޮއްގެން ހިންގި 2013 އަދި 2014 ވަނަ އަހަރުގެ ނެޝަނަލް ޗެސް ޗެންޕިއަންޝިޕް އާއި، 2013 އަދި 2014 ވަނަ އަހަރުގެ މޯލްޑިވްސް ޗެސް ފެޑަރޭޝަން ޗެންޕިއަންޝިޕް ޑީއެކްސް އިން ކާމިޔާބު ކޮށްފިއެވެ.
ދިމާވި ދަތިތަކަކާ ހުރެ މިދިޔަ އަހަރުގެ ނެޝަނަލް ޗެސް ޗެންޕިއަންޝިޕް އާއި މޯލްޑިވްސް ޗެސް ފެޑަރޭޝަން ޗެންޕިއަންޝިޕް މިއަހަރަށް ބާއްވާފައި ވާއިރު، މި މުބާރާތްތަކުގެ މެޗުތައް ކުޅެފައި ވަނީ މި މަހުގެ 2 އަކާއި 3 އް ގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗުތައް ބާއްވާފައި ވަނީ ސޯޝަލް ސެންޓަރުގައި ރޭ 08:30 ގައެވެ.
ހަތަރު މުބާރާތުގައިވެސް އެއްވަނަ މަގާމް ޑީއެކްސްއިން ކާމިޔާބު ކޮށްފައި ވާއިރ،ު ނެޝަނަލް ޗެސް ޗެންޕިއަންޝިޕްގެ 2013 އަދި 2014 ވަނަ އަހަރުގެ ދެވަނަ މަގާމް ކާމިޔާބު ކޮށްފައި ވަނީ ކްލަބް ވެލެންސިއާ އިންނެވެ. އަދި 2013 ވަނަ އަހަރުގެ މި މުބާރާތުގެ ތިން ވަނަ މަގާމް ކްލަބް ގާމަގު ކާމިޔާބު ކޮށްފައި ވާއިރު، 2014 ވަނަ އަހަރުގެ މި މުބާރާތުގެ ތިންވަނަ މަގާމް ހާސިލް ކޮށްފައި ވަނީ މިލަދޫ ސްޕޯޓްސް ކްލަބުންނެވެ.
މޯލްޑިވްސް ޗެސް ފެޑަރޭޝަން ޗެންޕިއަންޝިޕް 2013 ގެ ދެވަނަ އާއި ތިން ވަނަ މަގާމް ހޯދާފައި ވަނީ ގާމަގު ކްލަބުންނާއި މިލަދޫ ސްޕޯޓްސް ކްލަބުންނެވެ. އަދި މި މުބާރާތުގެ 2014 ވަނަ އަހަރުގެ ދެވަނައާއި ތިންވަނަ މަގާމްވެސް ހޯދާފައި ވަނީ މި ދެ ކްލަބުންނެވެ.
މުބާރާތްތަކުގެ ފައިނަލް މެޗުތައް ނިމުމުން ރޭ 10:30ގައި ވަނީ މި މުބާރާތްތަކުގެ އިނާމް ދިނުމުގެ ހަފްލާ ބާއްވާފައެވެ. މި ހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ރާއްޖޭގެ އޮލިންޕިކްސް ކޮމިޓީގެ ކުރީގެ ރައީސް އަލްފާލިލް ޒާހިރު ނަސީރު އެވެ.
މޯލްޑިވްސް ޗެސް ފެޑަރޭޝަނުން އިންތިޒާމް ކުރާާ މުބާރާތްތަކުގެ ތެރޭން، ނެޝަނަލް ޗެސް ރޭޓިން މުބަރާތްތައް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 22ގައެވެ.