ރަޝިޔާގެ ‏‏ޕްރޮސެކިއުޓާ ޖެނެރަލް، ޔޫރީ ޔަކޮވްލެވިޗް ޗަކްޔާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މިއަދު ބައްދަލު‏‏ކުރައްވައިފި އެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ރާއްޖެއާއި ރަޝިޔާއާ ދެމެދު ގާއިމްވެފައިވާ ހަރުދަނާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ‏‏ކުރިއަށް އޮތްތާނގައި މިގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ‏‏ކުރެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަޝިޔާއިން އަބަދުވެސް ރާއްޖެއަށް ‏‏އެކި ދާއިރާތަކުން އެއްބާރުލުން ލިބެމުންދާ ކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ޝުކުރު ‏‏އަދާކުރެއްވިއެވެ. ރާއްޖޭގެ އާ ގާނޫނު އަސާސީގެ ދަށުން، ޕްރޮސެކިއުޓާ ޖެނެރަލަށް ވަރަށް ‏‏މިނިވަން އިޚްތިޔާރެއް ލިބިފައިވާކަން ފާހަގަ ކުރައްވައި، ރާއްޖޭގެ މިނިވަން މުއައްސަސާތައް ‏‏ހަރުދަނާކުރުމުގެ މަސައްކަތުގައި، އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުން ވަރަށް ބޮޑު ‏‏އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރަޝިޔާގެ ‏‏ޕްރޮސެކިއުޓަރ ޖެނެރަލްގެ މި ދަތުރުފުޅުގެ ސަބަބުން، ދިވެހި ދައުލަތުގެ ވަކީލުންނަށް ވަރަށް ‏‏ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏މި ބައްދަލުކުރެއްވުމުގައި ރަޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލް ދެއްކެވި ‏‏ވާހަކަފުޅުގައި، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން، އެގައުމުން އަބަދުވެސް ‏‏އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެހީތެރިކަން ބޭނުންވަނީ ‏‏ކޮން ދާއިރާތަކުންތޯ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުން ފިލުއްވިއެވެ. އަދި، ‏‏ރަޝިޔާގެ އެކެޑެމީ އޮފް ދަ ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީސްގެ ފަރާތުން، ރާއްޖޭގެ ދައުލަތުގެ ‏‏ވަކީލުންނަށް ތަމްރީންގެ ފުރުސަތު ފަހިކޮށްދެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ‏‏ކުރެއްވިއެވެ.‏

‏ރަޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ޖިނާއީ ކުށްތަކުގެ ‏‏ދައުވާ އުފުލުމުގެ އިތުރުން ރަޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރަމުން ގެންދާ ‏‏މުހިންމު އެކިއެކި މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. ‏‏އަދި، މި ދާއިރާއިން ރާއްޖެއަށް ބޭނުންވާ ލަފާދިނުންފަދަ، އެކިއެކި ދާއިރާތަކުން ރާއްޖެއަށް ‏‏އެއްބާރުލުން ދެއްވަން ރަޝިޔާއިން ތައްޔާރަށް އޮތް ކަމުގައިވެސް ރަޝިޔާގެ ޕްރޮސެކިއުޓާ ‏‏ޖެނެރަލް ވިދާޅުވިއެވެ. ‏

‏މިބައްދަލުކުރެއްވުމުގައި، ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް ‏‏މުހުސިނާއި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ ‏‏އޮފީހުގެ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.‏