06 Nov 2014, 15:44
ގިނަ ބަލިމީހުންނަށް އެއްފަހަރާ އަވަސް ޚިދުމަތެއް ދިނުމުގެ ބޭނުމުގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އާ ޑަޔަލިސިސް ސެންޓަރެއް ހުޅުވައިފި އެވެ.
އައިޖީއެމްޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އެވެ.
އައިޖީއެމްއެޗުގައި އަލަށް ހުޅުވި ޑަޔަލިސިސް ސެންޓަރު ހުޅުވާފައި ވަނީ ކަނބާއައިސާރަނިހިނގުމަށް ވާގޮތަށް ހުންނަ އެ ހޮސްޕިޓަލުގެ އެއް ނަންބަރު ގޭޓުން ވަންނަ އިރު ކަނާތްފަރާތުގައިވާ އިމާރާތުގަ އެވެ.
މިއަދު ހުޅުވާފައިވާ ޑަޔަލިސިސް ސެންޓަރުގައި ޖުމްލަ 20 ޑަޔަލިސިސް މެޝިން ބަހައްޓާފައިވެ އެވެ.
އައިޖީއެމްއެޗުން ބުނީ އަލަށް ބެހެއްޓި މެޝިންތަކަކީ ކުރީގައި ބޭނުން ކުރަމުން އައިސްފައިވާ މެޝިންތަކާ ހިލާފަށް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ މެޝިންތަކެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އެ ސެންޓަރު މިހާރު ޑަޔަލިސިސް ސެންޓަރުގެ ނަމުގައި ހުޅުވާފައިވީ ނަމަވެސް، ރައީސްގެ ނިންމެވުމުގެ މަތިން ކުރިއަށް އޮތް ތަނުގައި އެ ސެންޓަރު ބޭނުން ކުރެވިގެން ދާނީ "ޑރ. އަހުމަދު ރާޒީ މެމޯރިއަލް ޑަޔަލިސިސް ސެންޓަރު" ގެ ނަމުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ އެފަދަ ސެންޓަރުތައް ހުޅުވައި ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށް ދިނުން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ އަލަށް ހުޅުވި ސެންޓަރުގައި ޑަޔަލިސިސްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ރޭގަނޑު 1:30 އާއި ހަމައަށް ކަމަށެވެ. ނަމަވެސް އިމަޖެންސީކޮށް ޑަޔަލިސިސް ހައްދަން ޖެހިއްޖެ ނަމަ ހުކުރު ދުވަހުވެސް އެ ހިދުމަތް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.