އިނގިރޭސި ވިލާތުގެ ހެރިއަޓް ވޮޓް ޔުނިވާސިޓީގެ ޑިގްރީ ކޯސްތަކެއް ކްލިކް ކޮލެޖުން ރޭ ތަޢާރަފްކޮށްފި އެވެ.

ކްލިކް ކޮލެޖުގެ ފަރާތުން ނަސަންދުރާ ޕެލެސްހޮޓެލްގައި ރޭ ބޭއްވި ރަސްމީއްޔާތުގައި ހެރިއަޓް ވޮޓް ޔުނިވާސިޓީގެ ކޮލިފިކޭޝަންގެ ކޯސްތަކުގެ މައިގަނޑު ފަސް ޑިގްރީ ކޯހެއް ވަނީ ތަޢާރަފްކޮށްފަ އެވެ. އެއީ ބީއޭ އަކައުންޓެންސީ، ބެޗެލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، (އެންޓަޕްރައިސް) ބެޗެލާސް އޮފް އެޑެމިނިސްޓްރޭޝަން(ހިޔުމަން ރިސޯސަސް މެނޭޖްމެންޓް)، އަދި ބެޗެލާ އޮފް އެޑްމިނިސްޓްރޭޝަންގެ މާކެޓިންގެ ޑިގްރީ ކޯސްތަކެވެ.

ހެރިއަޓް ވޮޓް ޔުނިވާސިޓީގެ އެ ކޯސްތައް ތަޢާރަފްކޮށްދެއްވީ ރޭގެ ރަސްމީއްޔާތުގެ ޝަރަފްވެރި މެހެމާން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަޒްލީން އަހުމަދު އެވެ.

ކޯސްތައް އިފްތިތާޙު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގެ ޕްރައިވެޓް ކޮލެޖްތައް ކުރިއަރުވައި ތަރައްގީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ރާއްޖޭގައި ޕްރައިވެޓް ކޮލެޖްތައް ގާއިމް ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އަޒްލީން ވިދާޅުވި އެވެ.

ކްލިކް ކޮލެޖުގެ ފަރާތުން ނަސަންދުރާ ޕެލެސްހޮޓެލްގައި ރޭ ބޭއްވި ރަސްމީއްޔާތު ތެރެއިން-- ފޮޓޯ ކްލިކް ކޮލެޖް

އަޒްލީން ވިދާޅުވީ އެމިނިސްޓްރީން އެކުލަވާލާފައިވާ ޕްރައިވެޓް ޔުނިވަސިޓީތައް ރާއްޖޭގައި ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި އެފަދަ ޔުނިވާސިޓީތައް ހިންގުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެގޮތުން އެ އެގަވާއިދަކީ ހަޔާ އެޑިއުކޭޝަން ކައުންސިލުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރެވުމަށް ފަހު އެކުލަވާލާފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެގަވާއިދު އެކުލަވާލީ ދުނިޔޭގެ އެހެން ގައުމުތަކުގައި، ޕްރައިވެޓް ޔުނިވާސިޓީތައް ހިންގަމުން އަންނަ ގަވާއިދުތައް ދިރާސާ ކުރުމަށްފަހުގައި ކަމަށް އަޒްލީން ވިދާޅުވި އެވެ.

"އެއީ ދިވެހިރާއްޖޭގެ ކޮންޓެކްސްޓަށް ފިޓް ވާ ގޮތަށް. ދިވެހިރާއްޖޭގެ ރައްޔިތުންގެ އިގްތިސާދީ ހާލަތު ވަޒަން ކުރާ ހާލު ސަރުކާރުން ވަރަށް ދީލަތި ގޮތެއްގައި ކޮލިޓީ ކޮމްޕްރޮމައިޒް ކުރުމެއް ނެތިވެ، އެކަށީގެންވާ ފެންވަރެއްގައި މަތީ ތައުލީމު ހިފެހެއްޓޭ ގޮތެއްގެ މަތިން ޕްރައިވެޓް ޔުނިވާސިޓީތަކަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރުން ހުޅުވާލައްވާނެ." އަޒްލީން ވިދާޅުވި އެވެ.

ކޮލިކް ކޮލެޖުން ރޭ ތައާރަފްކުރި ޑިގްރީ ކޯސްތަކާ ބެހޭ ގޮތުން އެ ކޮލެޖުން ބުނެފައި ވަނީ އެ ކޯސްތަކަކީ ތިން އަހަރު ދުވަހުގެ ޑްގްރީ ކޯތަކެއް ކަމަށައި ރާއްޖޭގައި ތިބެގެން ކޮށް ފުރިހަމަ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި އެ ކޮލެޖުންބުނީ ރޭ ތައާރަފް ކުރި ކޯސްތަކުގެ ތެރެއިން ބެޗެލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެންޓަޕްރައިސް) އަކީ ރާއްޖެ އަށް އަލަށް ތައާރަފްކޮށްގެން ހިންގޭ ކޯހެއް ކަމަށް ކްލިކް ކޮލެޖުން މައުލޫމާތުދެ އެވެ.