އިމާރާތް ކުރުމުގައި އަދި ހާއްސަކޮށް ފެންވައިރު ކުރުމުގައި ބައިނަލްއަގުވާމީ ސްޓޭންޑާޑްތައް ހިފެހެއްޓުމާ ބެހޭ ގޮތުން އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތައް ހޭލުންތެރިކުރުވުމަށް ބާއްސާ ސެމިނާރެއް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އިންތިޒާމުކޮށްގެން ނަސަންދުރަ ޕެލަސް ހޮޓަލުގައި މިއަދު ފެށި އެ ސެމިނާރުގެ ބައިވެރިންނަށް މައުލޫމާތު ދޭނީ އައިއެސްއޯ ސްޓޭންޑާޑް އާ ބެހޭ ގޮތުން ކަމަށް އެމްޑަބްލިއު އެސްސީ އިން ބުންޏެވެ.

ރާއްޖޭގެ ގާތްގަނޑަކަށް 50 ކުންފުނިން ބައިވެރިވާ އެ ސެމިނާރުގައި މައުލޫމާތު ދެއްވަނީ ނެދަލެންޑްގެ މާހިރެއް ކަމަށްވާ ވިމް އެލްޒިންކް އެވެ. އޭނާއަކީ ޕްލާސްޓިކް ހޮޅި އުފެއްދުމުގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ ވޭވިން ގްރޫޕްގެ ޕްރޮޑަކްޓް މެނޭޖަރެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ފެން ވައިރު ކުރުމުގެ މަސައްކަތުގައި ސްޓޭންޑާޑް ހިފެހެއްޓުމާ ބެހޭ މައުލޫމާތު ދޭން އެކުންފުނިން ބޭނުންވީ އިމާރާތްތަކުން ފެންލީކްވުން ފަދަ ކަންކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުން ކުރާތީ ކަމަށެވެ.