ވޮޝިންޓަން : ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދުގެ ގޮތުގައި އެެމެރިކާ ދެމެހެއްޓޭތޯ މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެމެރިކާގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ. މިއަހަރުގެ ސްޓޭޓް އޮފް ދި ޔުނިޔަންގެ ޚިތާބުގައި އޮބާމާ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދުގެ ގޮތުގައި މުސްތަޤްބަލްގައި ވެސް އެެމެރިކާ ދެމެހެއްޓުމަށްޓަކައި އެމެރިކާ ރައްޔިތުން ޤުރްބާނީތަކެއް ވާންޖެހޭ ކަމަށާއި މިގޮތުން އެމެރިކާގެ އެތެރޭގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށް ތަޢްލީމަށާއި އިންފްރާސްޓްރަކްޗާ މަޝްރޫޢުތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭ ކަމަށް އޮބާމާ ވިދާޅުވިއެވެ.

އެމެރިކާގެ އިއްތިޙާދީ ބަޖެޓްގެ 12 އިންސައްތައަކީ އެތެރޭގެ ޚަރަދުތައްކަން ހާމަކުރައްވަމުން އޮބާމާ ވިދާޅުވީ އިޤްތިސާދާއި ސައެންސާއި ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމާއި އާއީޖާދުފަދަ ރޮނގުތަކުގައި އެމެރިކާގެ ތާރީޚުގައި ކުރިމަތިނުވާފަދަ ވާދަވެރި ކަމެއް މިހާރު އެމެރިކާއަށް ކުރިމަތިވަމުންދާ ކަމުގައެވެ.

ވަރަށް ހިއްވަރާއެކު މަސައްކަތް ނުކުރެވިއްޖެނަމަ މިވާދަވެރިކަމުގައި އެމެރިކާ ބަލިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮބާމާ އިޝާރާތް ކުރެއްވިއެވެ. އޮބާމާގެ ސްޓޭޓް އޮފް ދި ޔުނިޔަން ގެ ޚިތާބުގައި، ދުނިޔޭގެ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް ވިދާޅުވަމުން، ތަޢްލީމާއި އިންފްރާސްޓްރަކްޗަރާއި ތިމާވެއްޓާ ރަޙްމަތްތެރި ހަކަތަ އުފެއްދުންފަދަ ދާއިރާތަކުގައި ދުނިޔޭގެ ބައެއް ޤައުމުތަކަށްވުރެ މިހާރު އެމެރިކާ ފަހަތަށް ގޮސްފައިވާ ކަމަށް އޮބާމާ އިޢްތިރާފްވެ ވަޑައިގެންނެވިއެވެ. އަދި ޗައިނާއާއި އިންޑިޔާފަދަ ބޮޑެތި ޤައުމުތަކުން އެތަށް ރޮނގެއްގައި އެމެރިކާއަށް ގޮންޖަހައި ވަރަށް ވަރުގަދައަށް އެމެރިކާއާ ވާދަކުރަމުންގެންދާ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.

އޮބާމާގެ ސްޓޭޓް އޮފް ދި ޔުނިޔަން ގެ ޚިތާބުން، އެމެރިކާގެ ފައިދަށުން ބިންގަނޑު ދެމިގެންދާކަމުގެ އިޙްސާސް އެމެރިކާއަށް ކުރެވޭ މިންވަރު ފާޅުކަން ބޮޑުގޮތެއްގައި ހާމަވެގެން ހިނގައްޖެ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ. ބައެއް މުފައްކިރުން ލަފާކުރައްވާ ގޮތުގައި ކުރިޔަށްއޮތް 12 ވަރަކަށް އަހަރު ތެރޭގައި ނޫނީ އެއަށްވުރެވެސް އަވަހަށް އިޤްތިސާދީ ގޮތުން ޗައިނާ އެމެރިކާއާ ފައިހަމަކުރާނެއެވެ. އަދި އެއަށްފަހު އެމެރިކާ ފަހަތަށް ޖައްސާލައި އެތައް ރޮނގެއްގައި ޗައިނާ ކުރިއަރާނެ ކަމަށާއި އެއަށްފަހު ވިއްސަކަށް އަހަރު ތެރޭގައި އިންޑިޔާވެސް އެމެރިކާއާ ފައިހަމަކުރާނެ ކަމަށް މިފަރާތްތަކުން ލަފާކުރެއެވެ.

އޮބާމާގެ ޚިތާބަށް ރަސްމީ ގޮތުން ރައްދު ދެއްވަމުން ކޮންގްރެސްގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރު ޕޯލް ރަޔާން ވިދާޅުވީ މިޚިތާބުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިންޒާރު ދެއްވި ނަމަވެސް އެމެރިކާގެ ރައްޔިތުން ހިތްހަމަޖެހޭފަދަ ޢިބާރާތްތަކެއްވެސް ހިމެނިފައިވާ ކަމުގައެވެ.
(ނޫސްއެޖެންސީތައް)