ޗައިނާގެ ސަރުކާރުގެ ހިލޭ އެހީ ދަށުން ހެދުމަށް ހަމަޖައްސާފައިވާ ލ. އަތޮޅުގެ ލިންކް ރޯޑް މަޝްރޫއަށް ބޭނުންވާ ސާމާނުތަކާއި ވެހިކަލްތައް އެ އަތޮޅު ފުނަދޫ އަށް ގެންގޮސްފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ސާމާނުތަކާއި ވެހިކަލްތައް މިހާރު ގެންގޮސްފައިވާ އިރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ ފަހުކޮޅުގައި ކަމަށެވެ.

"އެ މަޝްރޫއަށް ބޭނުންވާ ވެހިކަލްތަކާއި އިކުއިޕްމެންޓްތައް ވަނީ އެރަށް ގެންގޮސްފައި،" އޭނާ ވިދާޅުވި އެވެ.

ލ. އަތޮޅު ގަމު: އެ އަތޮޅުގެ ލިންކް ރޯޑް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ވެހިކަލްތައް ވަނީ ފުނަދޫ އަށް ގެންގޮސްފައި -- ފޮޓޯ އަލީ ވާފިރު

ސަން އަށް އެނގިފައިވާ ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ކުރިން ވަގުތީ އެޅުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ސައިޓާއި މަސައްކަތް ކުރާ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކުގެ އިތުރުން ވެހިކަލްތައް ޕާކްކުރާނެ ތަންތަން ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ.

އެެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވި މަޝްރޫއެކެވެ. އެ މަޝްރޫގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ އެވެ.