ޗައިނާ ސަރުކާރުން ދިވެހި ރާއްޖެ އަށް 200 ޑަސްބިން ހަދިޔާކޮށްފި އެވެ.

އެންވައިރޮމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެޑަސްބިންތަކާ ހަވާލުވެވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރު އެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން އެތަކެތި ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ލިއޫ ގިއާން އެވެ.

އެހަފްލާގައި ވާހަކަ ދައްކަވަމުން ޗައިނާގެ ޑެޕިއުޓީ އެމްބެސެޑަރު ލިއޫ ގިއާން ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަށް ކުރުމަކީ ޗައިނާގެ ޒިންމާއެއް ކަމަށާއި އެކަން ކުރުމަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

"މިކަން ކުރުމަށް ޗައިނާގެ ސަރުކާރުން މިހަދިޔާ ކުރަނީ 200 ޑަސްބިން މީހުން ދިރިއުޅޭ ރަށްރަށުގައި ބޭނުން ކުރުމަށް،" ލިއޫ ގިއާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަކީ ދުނިޔެމަތީގައިވާ ހާރެއް ފަދަ ގައުމެއް ކަމަށާއި ދިވެހި ރާއްޖެ އަށް ޓޫރިސްޓުންގެ ޝައުގުވެރިކަން ގެންދަނީ ދަގަތްފާނަން ދަނގަޑު ދަމާ އުސޫލުން ކަމަށެވެ.

އެހަފްލާގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އާމިރު ވިދާޅުވީ ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި 200 ޑަސްބިންބިންގެ އަގު ފަސް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ކަމަށާއި އެޑަސްބިންތައް ބޭނުން ކުރާނީ ރާއްޖޭގެ ތިމާވެއްޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ކުނި މެނޭޖު ކުރުމަށް ކަމަށެވެ.