06 Nov 2014, 15:05
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވަންދޫ ވިޓްސް ޖަމިއްޔާ ހޯދައިފިއެވެ.
ވޭމަންޑޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މުބާރާތުގެ ޗެމްޕިއަންކަން ވަންދޫ ޓީމުން ހޯދީ ވޭމަންޑޫ ޒުވާނުންގެ ގުޅުމާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 5-4 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވަންދޫ ޓީމުގެ ހުސައިން ރިފާއު އެވެ. އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވިފައިވަނީ ވޭމަންޑޫ ގޯލު ކީޕަރު ތަސްނީމް މުހައްމަދެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ކަނޑޫދޫ ސްޕޯޓްސް ކްލަބެވެ.
ތ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ބައިވެރިވި އެވެ. އެއީ ވޭމަންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ކަނޑޫ ސްޕޯޓްސް ކްލަބާއި ގުރައިދޫ އެންޑޫވްމެންޓް މޫވްމެންޓާއި ވަންދޫ ވިޓްސް ޖަމިއްޔާގެ އިތުރުން ފައުންޑޭޝަން އޮފް ތިމަރަފުށި ޔޫތު އެވެ.