ރޭ ކުޅުން ޗެންޕިއަންސް ލީގް މެޗުތަކުގެ ތެރޭން ސީއެސްކޭ މޮސްކޯވާ އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗް 2-1ގެ ނަތީޖާއަކުން ސިޓީގެ މައްޗަށް މޮސްކޯ ކުރިހޯދުމުން، މި ލީގްގެ ގްރޫޕް 'އީގެ ތާވަލްގެ އެންމެ ފުލަށް ސިޓީ ވެއްޓިއްޖެ އެވެ.

މެޗު ފުރަތަމަ ދެ މިނެޓު ތެރޭ މޮސްކޯވާ އިން ވަނީ އެ ޓީމް އުފެއްދި އެންމެ ފުރަތަމަ ހަމަލާގައި ސްކޯކޮށް މެޗުގައި އަވަސް ލީޑެއް ނަގާފަ އެވެ. ބިބްރަސް ނާޗޯގެ އެސިސްޓާ އެކު މޮސްކޯވާ އަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޕެނަލްޓީ އޭރިއާތެރޭ ހުސްކޮށް ހުރި އެޓީމްގެ ސޭޑޯ ޑޮމްބިއާ އެވެ.

މޮސްކޯވާގެ މި ލަނޑާ އެކު ޖެހިގެން އައި ހަ މިނެޓު ތެރޭ ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ސިޓީ އުފައްދަން މަސައްކަތް ކުރި ހަމަލާއެއްގައި އެ ޓީމަށް ލިބުން ހިލޭ ޖެހުމަކުން މެޗުގައި އެ ޓީމްގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޔާޔާ ޓޯރޭ އެވެ.

އެ ލަނޑާއެކު ސިޓީ އިން މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށަށް ގެންނަން މަސައްކަތް ކޮށްފައިވާ އިރު، މޮސްކޯ އިން ވަނީ ސިޓީގެ ޑިފެންސްގެ ބަލިކަށިކަމުގެ ބޭނުން ހިފައި ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި މޮސްކޯވާ އިން އަނެއްކާ ވެސް މެޗުގެ ލީޑް ނަގާފައި ވަނީ ނާޗޯ ދިން ރީތި ޕާހަކުން ކީޕާ ހާޓްގެ ނިއާ ޕޯސްޓުން ގޯލްގެ ތެރެއަށް އެ ޓީމްގެ ޑޮމްބިއާ ފޮނުވާލި ބޯޅަޔާއެކީ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިފައި ވަނީ މޮސްކޯ ކުރީގައި އޮވެގެނެވެ.

ސިޓީ އިން މެޗުގެ ދެވަނަ ހާފް ފައްޓާފައި ވަނީ ދެ ބަދަލަކާ އެކީ އެވެ. މިބަދަލުތަކާ އެކު އެޓީމްގެ ކުޅުން ރަނގަޅުކޮށް، އެ ޓީމުން ވަނީ ގިނަ ހަމަލާ ތަކެއް އުފައްދާފަ އެވެ. ނަމަވެސް މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައީ، މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް، ސިޓީ ގެ ބަދަލު ކުޅުންތެރިޔާ ފާނެންޑީނިއޯ އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މި ކާޑާއެކު ސިޓީގެ ޑިފެންސަށް ވަނީ އިތުރު ޕްރެޝާ ތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ސިޓީ އަށް ވަނީ މެޗުގައި އެ ޓީމްގެ ދެވަނަ ރަތް ކާޑާ ކުރިމަތި ލާން ޖެހިފަ އެވެ. އުފައްދަން އުޅުނު ހަމަލާއެއްގެ ތެރޭން ކުރި ފައުލަކާ ގުޅިގެން އެ ޓީމްގެ ޔާޔާ ޓޯރޭ އަށް ވަނީ ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ފަހު ހާފްގެ ފަހު ވަގުތުކޮޅު ތެރޭ ނުވަ ކުޅުން ތެރިންނާ އެކު ކުޅެމުން އައި ސިޓީ އިން އުންމީދު ކަނޑާލާފައި ނުވި ނަމަވެސް، ފުރިހަމަ ވަގުތު ހަމަވިއިރު އެ ޓީމަށް ވަނީ ނަތީޖާ ބަދަލު ކުރެވޭގޮތް ނުވެފަ އެވެ.

މިފަހަރުގެ ޗެންޕިއަންސް ލީގް ބަދުނަސީބު ގޮތަކަށް ފެއްޓިފައިވާ ސިޓީ އިން ވަނީ މިހާތަނަށް އެޓީމް ކުޅުނު ހަތަރު މެޗުގެ ތެރޭން ދެ މެޗު ޑްރޯކޮށް ދެމެޗުން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު މުޅިޔަކު ދެ ޕޮއިންޓާއެކު ސިޓީ ވަނީ ގްރޫޕް 'އީ'ގެ ތާވަލްގެ އެންމެ ފުލަށް ވެއްޓިފަ އެވެ.

ހަތަރު ޕޮއިންޓާއި އެއް ވިން އާ އެކު ސިއެސްކޭ މޮސްކޯވާ ތާވަލްގެ ތިން ވަނައިގާވާ އިރު، އެ ޓީމް އޮތީ ތާވަލްގެ ދެވަނައިގާ އޮތް ރޯމާ އާ ޕޮއިންޓަގެ ގޮތުންނާއި ގޯލް ޑިފަރެންސްގެ ގޮތުން ހަމަހަމަކޮށެ އެވެ. އަދި ދެން މި ގްރޫޕްގައި ހިމެނޭ ބެޔާން މިއުނިކް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށް، ފައިދާ 10 ގޯލާއި މުޅިއަކު 12 ޕޮއިންޓާ އެކު އޮތީ ތާވަލްގެ އެއްވަނައިގަ އެވެ.