06 Nov 2014, 13:30
އެމްޑީޕީގެ އެތެރޭގެ ހިންގުންތައް ވަރުގަދަ ކުރުމުގެ ގޮތުން ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ 17 ކޮމެޓީއެއް އަލުން އެކުލަވާލައިފި އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ކޮމެޓީތައް އެކުލަވާލައި ނިމުނީ އިއްޔެ ކަމަށާއި ހުރިހާ ކޮމެޓީއެއް އެކުލަވާލީ ކޯރަމް ލިބިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް މިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ހުރިހާ ކޮމިޓީތަކެއް، ގާތްގަނޑަކަށް 17 ކޮމިޓީއެއް... ރޭގެ ބާރަ ޖެހުމާ ހަމައަށް ބައްދަލު ކުރެވިފައި. އެންމެ އުފާވަނީ ހުރިހާ ކޮމެޓީއެއްގެ ވެސް ކޯރަމް ލިބިގެން [އެކުލަވާލެވުނީތީ]." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު މިއަދު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 24.3 ބިލިއަން ރުފިޔާގެ "ބިޔަ ބޮޑު" ބަޖެޓު ދިރާސާ ކުރުމަށް ޓަކައި އެ ޕާޓީގެ މުގައްރިރުން ހިމެނޭ ގޮތަށް ބަޖެޓު ކޮމިޓީއެއް މިއަދު އެކުލަވާލާނެ ކަމަށެވެ.
އެމްޑީޕީ އިން ކުރިއަށް ރާވާ ހަރަކާތްތަކުގެ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ފާހަގަ ކުރާ އިރު އެ ޕާޓީން އެ ދުވަސް ފާހަގަ ކުރާނީ ގެސްޓް ހައުސްގެ ސިޔާސަތުގެ މޮޑެލް ދުވަހެއްގެ ގޮތުގައި ކަމަށެވެ.
"ނޮވެމްވަރު 17 އަކީ ރައީސް ޔާމިން ހުވާ ކުރެއްވި ދުވަސް. އަދި އެދުވަސް އެއީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން އެވަނީ ހަދާފައި. އަޅުގަނޑުމެން އެދުވަހު މާފުށީގައި ގެސްޓު ހައުސް ސިޔާސަތުގެ މޮޑެލް ދުވަހެއްގެ ގޮތުގައި [ފާހަގަ ކުރާނީ]." އޭނާ ވިދާޅުވި އެވެ.