އައްޑޫ ސިޓީ ކައުންސިލުގެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ނުކުރާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު އެ މައްސަލަ ކޯޓަށް ވައްދައިފި އެވެ.

މުއްތަލިބު މިއަދު ވިދާޅުވީ ސިވިލް ކޯޓުން މިއަދު ބަލައިގެންފައިވާ އެ މައްސަލައިގައި އެދިވަޑައިގެންފައި ވާނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާއި ގާނޫނުތަކާ ހިލާފަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާތީ ގާނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް އެ ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް ކަމަށެވެ.

މުއްތަލިބު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ.ގައި އެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އިލެކްޝަންސް އަށް ލާޒިމްކޮށްފައިވާ ކަމަށެވެ. އަދި އެ ގާނޫނުގެ 23 ވަނަ މާއްދާ އިން އެހެން ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އިލެކްޝަންސްގެ މައްޗަށް ލާޒިމްވާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް އިލެކްޝަންސް އިން އަމަލު ކުރަމުންދަނީ އެއާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމްވާފައިވާ ނިންމުން ބާތިލް ކުރި ސިވިލް ކޯޓުގެ ހުކުމަށް ވެސް އިލެކްޝަންސް އިން ފުރިހަމައަށް ތަބާނުވާ ކަމަށެވެ. އަދި ވިދާޅުވީ ހުކުމާ އެއްފަދައިން އެ މައްސަލައިގައި ފާހަގަކޮށްފައިވާ ނުކުތާތަކަކީ ވެސް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލް މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑެއް ކަނޑައެޅިފައި އޮވެގެން ނޫނީ ސިޓީއެއްގެ ދަރަޖަ އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީ އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ބާތިލް ކުރެއްވީ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ކޯޓުން އެގޮތަށް ހުކުމް ކުރުމާ ގުޅިގެން ހޯމް މިނިސްޓަރު ހަސަން އަފީފް އެކަނި ހުންނަވައި ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަނީ ވަނީ ޝަރުތުތަކެއް ކަނޑައަޅައިފަ އެވެ. އެއާ އެކު ސަރުކާރުން ވަނީ އަނެއްކާ ވެސް އައްޑޫއަކީ ސިޓީއެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އެކަމަކު އަފީފް އެކަނި ހުންނަވައި ލޯކަލް ގަވަމަންޓް އޮތީރިޓީން އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް ބުނެ މީހަކު ވަނީ އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ވައްދައިފަ އެވެ.