އަމީނީމަގުގައި އެމްޑީޕީ އިން ކުރިން ހަރުގެ ހިންގި ބިމުގައި މިނީ މޯލެއް ތަރައްގީ ކުރުމުގެ މަސައްކަތް ބަޔަކު އެބަ ކުރެ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އެ ބިން ފަސް އަހަރަށް ކުއްޔަށް ނަގައި އެބިމުގައި މިނީ މޯލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އަހުމަދު ޝަފީގް މިއަދު ސަން އަށް ވިދާޅުވީ އެ ބިން އެބޭފުޅުން ތަރައްގީ ކުރަނީ އާއިލާތަކަށާއި ރައްޓެހިންނަށް އުފާވެރި ވަގުތުތަކެއް ހޭދަ ކުރެވޭނެ ކަހަލަ މިނީ މޯލެއްގެ ގޮތުގައި ކަމަށެވެ.

"މިތަނުގައި ކޮފީ ޝޮޕަކާއި ރެސްޓޯރެންޓަކާ އެކު ސިނެމާއެއް ވެސް ހުންނާނެ. ސިނަމާ މިވިސްނަނީ 7ޑީ ނުވަތަ 9ޑީގެ ފެންވަރަށް ހެދޭތޯ، ދެން މިތަނުގައި ފިހާރަތަކެއް ހުންނާނީ،" ޝަފީގް ވިދާޅުވި އެވެ.

މިނީ މޯލް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ-- ސަން ފޮޓޯ: ޝަރުވާން

އޭނާ ވިދާޅުވީ އެތަކުގައި އެކިބާވަތްތަކުގެ މުދާލިބޭ ޖުމުލަ 11 ފިހާރަ އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެތަން ތަރައްގީކޮށް ނިމުމުން މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޝަފީގް ވިދާޅުވީ އެ ޕްރޮޖެކްޓު އެއްކޮށް ނިންމާލައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ އެ ބިން ފަސް އަހަރު ދުވަހަށް ކުއްޔަށް ދީފައި ވަނީ ސިޔާސީ ހަރަކާތެއް ނުހިންގައި އެތަން ހިންގުމަށް ކަމަށެވެ.