06 Nov 2014, 10:21
ޖިނާއީ މައްސަލަތަކާ ގުޅުން ހުރި ކަންކަމުގައި އެއްބާރުލުމުގެ އެއްބަސްވުމެއްގައި ރަޝަން ފެޑެރޭޝަނާއި ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރަޝަން ފެޑެރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިހާރު ރާއްޖެ އަށް ވަޑައިގެން އުޅުއްވާ އެ ގައުމުގެ ޕްރޮސެކިއުޓަ ޖެނެރަލް ޔޫރީ ޔަކޮވްލެވިޗް ޗައިކާއެވެ. އަދި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންއެވެ.
ރަޝިޔާގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް އެލެގްޒެންޑާ ޖޭގެންޒްވާއާއި އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެގްޒެންޑާ ކަރްޗަވާ އާއި ރާއްޖޭގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަހުމޫދު ސަލީމާއި ރާއްޖޭގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާއި ޑެޕިއުޓީ ކަމިޝަނަރް އޮފް ޕޮލިސް އަހުމަދު ސަޢުދީ މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުމާ ބެހޭ ތަފުސީލެއް އަދި ނުލިބެ އެވެ.
ރަޝިޔާގެ ޕްރޮސެކިއުޓާ ޖެނެރަލް ރާއްޖެ އަށް ވަޑައިގެންނެވީ ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ ދައުވަތަކަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރޭ 'ސަން' އަށް ވިދާޅުވީ ޔޫރީގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޕްރޮސިކިއުޝަންގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުން ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މާދަމާ އެމްއޯޔޫއެއްގައި ސޮއިކުރާނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ޕްރޮސިކިއުޓަރުންނަށް ތަމްރީނު ދިނުމާއި އަދި އެގައުމުގެ ޕްރޮސިކިއުޓަރުން ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ އެކަމަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުގެ ދައުރުގައި ހަމަޖެހިފައިވާ ކަމެއް ކަމަށެވެ.
ޔޫރީ އަކީ ރަޝިޔާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރެވެ. އަދި އެ ގައުމުގެ ޖަސްޓިސް މިނިސްޓަރަކީ ވެސް ޔޫރީ އެވެ.
ރަޝިޔާގައި ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވެސް ދައުވާ އުފުލަނީ ޕްރޮސިކިއުޓާ ޖެނެރަލް އެވެ.