06 Nov 2014, 09:51
ސީރިޔާގައި މިހާރު ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ދާން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނުންނާއި އަންހެނަކު ސްރީލަންކާ އިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ލަންކާ ފުލުހުން މެދުވެރިކޮށް ހައްޔަރު ކުރި ތިން މިހުންނަކީ އެއް ރަށަކަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި ސީރިޔާ ހަނގުރާމަ އަށް ދާން މަސައްކަތް ކުރިއިރު އަންހެން މީހާ އިނީ ބަލިވެއިނދެ ކަމަށާއި މިހާރު ބަނޑަށް ހަ މަސް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ނަމަވެސް އެ މީހުން ނިސްބަތް ވަނީ ކޮން ރަށަކަށް ކަމެއް އަދި އެ މީހުންގެ އިތުރު ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ ތިން މީހުން ހައްޔަރު ކުރީ ދިވެހި ފުލުހުންގެ އިންޓެލިޖެންސް އާ ލަންކާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލަންކާ ފުލުހުން މެދުވެރިކޮށެވެ.
ސީރިއާއަށް ހަނގުރާމަ އަށް ދާން އެ ތިން މީހުން މަސައްކަތް ކޮށްފައި ވަނީ ބޭސްފަރުވާ ކުރުމުގެ ނަމުގައި ލަންކާ އަށް ދިއުމަށް ފަހު ތުރުކީމަގުން ސީރިޔާ އަށް ދާން މަސައްކަތް ކުރަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރުމަށް ފަހު ސުވާލުކުރުމުން އެމީހުން ވަނީ ލަންކާ އިން ބޭސްފަރުވާގެ ކަންކަން ދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން ތުރުކީއަށް ދާން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ލަންކާގެ ފުލުހުންނަށް އޮޅުވާލަން މަސައްކަތްކޮށްފައި ކަމަށެވެ. އަދި އެމީހުން ލަންކާ އަށް އެތެރެވެފައި ވަނީ ވަންވޭ ޓިކެޓެއްގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ލަންކާ އިން އެ ތިން މީހުން ހައްޔަރު ކުރުމަށް ފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސްރީލަންކާގެ ފުލުހުން ގުޅިގެން އެ ތިން މީހުން ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ ރާއްޖެ ގެނެސްފައި ކަމަށެވެ. އަދި އެމީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ ތެރެއިން 23 އަހަރުގެ ފިރިހެން މީހާ އާއި 18 އަންހެން މީހާ އަކީ މިއަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު، ރާއްޖޭގެ ޝަރުޢީ ކޯޓުން ބޭރުގައި އަމިއްލައަށް ކައިވެނި ކޮށްގެން އުޅޭ ދެ މީހުން ކަމަށެވެ. އަދި އެ ކައިވެނި ކުރިއިރު އަންހެން މީހާގެ އުމުރަކީ 17 އަހަރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސީރީޔާ ހަނގުރާމަ އަށް ދާން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 25 އަހަރުގެ މީހާއަކީ މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގާ ބައިވެރިވުމަށް ބައެއް ދިވެހިން ތުރުކީމަގުން ސީރިއާއަށް އެތެރެވެފައިވާ ބައެއް މައްސަލަތައް މިހާރު ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ސީރިއާގައި ކުރަމުންދާ ހަނގުރާމައިގާ ބައިވެރިވުމަށް އެއްވެސް މީހަކު ދާން އުޅޭކަމުގެ މައޫލޫމާތު ލިބޭ ނަމަ އެމައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.