06 Nov 2014, 10:50
އަންމާން (ނޮވެމްބަރު 6): މަސްޖިދުލްއަގްސާ އާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކަށް އިޙްތިޖާޖް ކުރުމުގެގޮތުން އިސްރާއީލާ ދެކޮޅަށް އެޅުމަށް އުރުދުންއިން ނިންމާފައިވާ ކަމަށް ބޮޑުވަޒީރު އަބްދުﷲ އަށް ނަސޫރު ވިދާޅުވެއްޖެ އެވެ.
އުރުދުންގެ އަލްބަތްރާ ނޫސްއެޖެންސީ އަށް ދެއްވި ބަސްދިގަތުމެއްގައި ނަސޫރު ވިދާޅުވީ އިސްރާއީލާ ދެކޮޅަށް އެޅުމަށް އުރުދުންއިން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިސްރާއީލުގައި ހުންނަވާ އުރުދުންގެ ސަފީރު އަނބުރައި ގައުމަށް ގެނައުމާއި އިސްރާއީލާއެކު ސޮއިކޮށްފައިވާ "ވާދީ އަރަބާ" ސުލްޙައިގެ މުޢާހަދާ އަލުން މުރާޖައާކުރުމާއި އިސްރާއީލުގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުން ހިމެނޭކަމުގަ އެވެ. މީގެ ތެރޭން އިސްރާއީލުގައި ހުންނަވާ އުރުދުންގެ ސަފީރު ވަލީދު އުބައިދާތު އެނބުރި ގައުމަށް ވަޑައިގަތުމަށް އުރުދުންގެ ޚާރިޖިއްޔާ އިން އޭނާ އަށް އަންގާފައިވާނެ ކަމަށާއި އިސްރާއީލުން މަސްޖިދުލްއަގްސާ ބަންދުކޮށް އެތަނުގެ ޙުރްމަތް ކަނޑަމުންދާ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުގެ ޑިޕްލޮމެޓިކް މަސައްކަތްތައްވެސް ކުރަމުން ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ އިސްރާއީލުން މާތްވެގެންވާ މަސްޖިދުލް އަގްސާ ބަންދުކޮށް އެތާނގެ ޙަރަމްފުޅުގެ ހުރުމަތް ކެނޑުގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާތީ އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ މުޢާހަދާ އަލުން މުރާޖަޢާކުރާނެ ކަމުގެ އިންޒާރު އުރުދުންއިން ދިން ފުރަތަމަ ފަހަރެވެ. ނަމަވެސް ހުޅަނގަށް ބަރޯސާވުމުގެ ސިޔާސަތެއް ގެންގުޅުއްވާ އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށް އިސްރާއީލާދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅެއް އަޅަންކެރިވަޑައިގަންނަވާނެ ކަމާ މެދު މުރާސިލުން ޝައްކުކުރެ އެވެ.
1967 ގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ހިފާފައިވާ އިރުމަތީ ގުދްސުގައިވާ މަސްޖިދުލްއަގްސާފަދަ މުސްލިމުންގެ މުގައްދަސް ބިނާތަކާ އަދި އެރަށުގައިވާ ނަސާރާއިން އަޅުކަންކުރާތަންތަން ބަލަހައްޓައި ސްޕަވައިޒް ކުރާނީ އުރުދުންގެ ސަރުކާރުން ކަމަށާ އެތަންތަނަށް ގޯނާކުރުމާއި ހުރްމަތް ކެނޑޭފަދަ އެއްވެސް އަމަލެއް އިސްރާއީލުން ހިންގައިގެންނުވާނެ ކަމަށް 1994 ވަނަ އަހަރު އުރުދުންއިން އިސްރާއީލާއެކު ސޮއިކޮށްފައިވާ "ވާދީ އަރަބާ" ސުލްޙައިގެ މުޢާހަދާ ބުނެ އެވެ. ނަމަވެސް އުރުދުން އަށް އެންގުމަކާނުލައި މަސްޖިދުލްއަގްސާ ބަންދުކޮށް އެމިސްކިތުގެ އެތެރެއަށް އިސްރާއީލު ސިފައިން ބޫޓާ އެކު ވަދެގަނެ އެމިސްކިތުގައި ނަމާދުކުރާ މީހުން ހައްޔަރުކޮށް އެމިސްކިތުގެ ހަރަމްފުޅުގެ ތެރެއަށް ކަރުނަގޭސް ޖެހުން ފަދަ ހަރުކަށި އަމަލުތައް އިސްރާއީލުން ތަކުރާރުކޮށް ހިންގަމުން ގެންދާތާ މިހާރުވަނީ ދެހަފްތާއެއްހާ ދުވަސްވެފަ އެވެ.
އިސްރާއިލާއެކު ވެފައިވާ ސުލްޙައިގެ މުއާހަދާ މިމައްސަލައާ ގުޅިގެން މުރާޖައާކުރާނެކަމުގެ އިންޒާރު އުރުދުންގެ ބޮޑުވަޒީރު ދެއްވާފައިމިވަނީ އުރުދުންގެ އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން މުޒާހަރާކޮށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އުރުދުންގެ ސަރުކާރާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދިޔުމުގެ ސަބަބުންނެވެ. އެހެންކަމުން އުރުދުންގެ މިއިންޒާރަކީ ރައްޔިތުން މައިތިރިކުރުމުގެ އިންޒާރެއް ކަމަށް ވަނީ ބެލެވިފަ އެވެ.
އިސްރާއީލުގެ ހަރުކަށި ސިޔާސީ ލީޑަރެއް ކަމަށްވާ އެގައުމުގެ ޕާލަމެންޓްގެ ނައިބު ރައީސް މޯޝޭ ފިގިލީން އިސްކޮށް ހުންނަވައިގެން ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ބަޔަކާ އެކު މަސްޖިދުލްއަގްސާގެ ޙަރަމްފުޅުގެ ތެރެއަށް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވަދެގަނެ އެމުގައްދަސް ބިނާގެ ޙުރަމަތް ކަނޑައި އެތާނގައި ނަމާދުކުރާ މީހުންނަށް ޖެއްސުން ކުރުމުގެ އަމަލުތަކެއް ވަނީ ހިންގާފަ އެވެ. އަދި އިސްރާއީލުގެ ހައުސިން މިނިސްޓަރު ޔޫރީ އެރިއަލް ވަނީ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ބައެއް ތަޅާލައި އެތަނުގެ ބައެއްގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ. މީގެއިތުރުން ފާއިތުވި ދެހަފްތާ ތެރޭގައި އިސްރާއީލު ސިފައިންވަނީ މަސްޖިދުލްއަގްސާގައި ފަލަސްތީނުގެ މީހުން ނަމާދުކުރުން މަނާކޮށް އެކިފަހަރުމަތިން އެ މިސްކިތް ބަންދު ކުރުމުގެ ހަރުކަށި އަމަލުތަކެއްވެސް ހިންގާފަ އެވެ.
އިސްރާއީލުން ހިންގަމުން ގެންދާ މިޖަރީމާތަކާ ގުޅިގެން އިއްޔެވެސް ވަނީ އިރުމަތީ ގުދްސުގައި ފަލަސްތީނުގެ އާންމުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މިކުރިމަތިލުންތަކުގައި އިސްރާއީލުން ފަލަސްތީނުގެ އެތަށްބަޔަކު ހައްޔަރުކޮށް އިތުރު ބަޔަކު ޒަޚަމްކޮށްލާފައިވާއިރު ފަލަސްތީނުގެ ޑްރައިވަރަކުވަނީ އޭނާ ދުއްވަން އިން ބަސް އިސްރާއީލު ސިފައިންގެ ބައެއްގައި ޖައްސައި އިސްރާއީލު ސިފައިންގެ އޮފްސަރަކު މަރާލާފަ އެވެ. އަދި އިސްރާއީލުގެ ސިފައިންވަނީ އެވަގުތު ފަލަސްތީނުގެ ޑްރައިވަރުގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފަ އެވެ. (އަލްޖަޒީރާ)