ވޮޝިންޓަން (ނޮވެމްބަރ 6): އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ފުރިހަމަ އަޣްލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް ލިބުނު ނަމަވެސް އޮބާމާގެ ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށް ހުންނެވި ކަމަށް ސެނެޓްގެ އަޣްލަބިއްޔަތު ލީޑަރަކަށް ވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އިސް ސެނެޓަރ މިޗް މެކޮނަލް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީއާއި އިދިކޮޅު ރިޕަބްލިކަން ޕާޓީއަކީ ވާދަވެރި ދެޕާޓީ ނަމަވެސް ދެ ޕާޓީ އަބަދު އަރާރުންވާން ނުޖެހޭކަމުގަ އެވެ. އެމެރިކާ ރައްޔިތުންގެ މަސްލަހަތަށް ޓަކައި ގުޅިގެން ދެ ޕާޓީ އަށް މަސައްކަތް ކުރެވިދާނެ ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ރިޕަބްލިކަން ޕާޓީ އޮވެގެން ސަރުކާރު ޒިންމާ ކުރުވާ ގޮތަށް އެ ޕާޓީން އޮބާމާގެ ސަރުކާރަށް އެއްބާރުލުންދޭނެ ކަމަށެވެ.

ކޮންގްރެސްގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ކާމިޔާބީއާ އެކު އެ ޕާޓީ ވަނީ ރައީސް ބަރަކް އޮބާގެ ވެރިކަމަށް ބާރާއި ނުފޫޒު ހިންގޭފަދަ ސިޔާސީ ބުރަދަންހުރި ހިސާބަކަށް ދެވިފަ އެވެ. މިހިސާބަށް އެޕާޓީ އަށް ވާސިލްވެވިފައިވީ ނަމަވެސް އެއްބަސްވެވޭ އުސޫލެއްގެ މަތިން ކޮންގްރެސްގެ ތެރޭން އޮބާމާގެ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ސެނެޓްގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ ލީޑަރު މިޗް މެކޮނަލް ވިދާޅުވި އެވެ.
މީގެ ދެދުވަސްކުރިން ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣްލަބިއްޔަތު އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ލިބިފައި ވަނީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެމެރިކާގެ ތާރީޚުގައި ވެސް އިދިކޮޅު ޕާޓީއަކަށް ކޮންރެސްގައި އަޣްލަބިއްޔަތު ލިބިފައިނުވާހާ މައްޗަށެވެ. މިއީ އޮބާމާގެ ސަރުކާރަށާއި އޭނާގެ ސިޔާސަތު ވަރަށް ބޮޑަށް ފޭލްވެފައިވާ ކަމުގެ ހެއްކެއް ކަމަށާ ރައްޔިތުން އޮބާމާއަށާއި އޭނާގެ ޕާޓީއަށް އަދަބު ދިނީ ލަފާކުރެވުނު ވަރަށް ވުރެ ވެސް މާމައްޗަށް ކަމަށް މުރާސިލުން ސިފަކުރެ އެވެ.

ރިޕަބްލިކަން ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީ އަށް ވުރެ ޔަހޫދީ ޒަޔަނިސްޓް ގްރޫޕްތަކާ ގާތްވުމުގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައާ މުޢާމަލާތް ކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކަނާތު ފިޔައިގެ ވިސްނުމުގެ ޕާޓީ އެވެ. މީގެ އިތުރުން އެކިއެކި ބަހަނާތައް ދައްކައިގެން އިސްލާމީ ގައުމުތަކަށް އަރައިގަނެ ހަނގުރާމައާއި ތަޅާފޮޅުމުގެ ޢަމަލުތައް ހިންގުމާއި އެހެން ގައުމުތަކުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ތަންފީޒުކުރުމުގައި ވެސް ކުރީގައި އުޅެނީ ރިޕަބްލިކަން ޕާޓީކަން މުޙައްލިލުން ފާހަގަ ކުރައްވަ އެވެ. (ނޫސްއެޖެންސީތައް)