މިރޭ ކުޅުން 22 ވަނަ އެމްބީއޭ ޗެންޕިއަންޝިޕްގެ ފައިނަލް މެޗްގައި ހަތަރު ޕޮއިންޓުން ޓީރެކްސްގެ މައްޗަށް ކުރި ހޯދަައި އާރްއެލްސީއިން ހަތަރު ވަނަ ފަހަރަށް އެމްބީއޭ ޗެންޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަަމަވި އިރު، 84-80 ޕޮއިންޓާއެކު އާރްއެލްސީ ކުރީގައި އޮތް ނަމަވެސް، މެޗުގަ ފުރަތަމަ ދެ ކުއާޓާގައި ގަޭމް ލީޑް ކޮށްފައި ވަނީ ޓީރެކްސް އެވެ. ނަމަވެސް ދެ ޓީމުންވެސް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޮތީ ޕޮއިންޓްގެ ގޮތުން ދާދި ގާތުގައެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލްގައި އާރުއެލްސީ އާއި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މެޗުގެ އޮއިވަރު ބަދަލުވެފައި ވަނީ ތިންވަނަ ކުއާޓާގައި، 10 ޕޮއިންޓުގެ ލީޑަކާ އެކީ އޮތް ޓީރެކްސްގެ ފަހަތުން އަރައި އާރްއެލްސީއިން އެއްވަރު ކުރުމުންނެވެ. މި ކުއާޓާގައި އެ ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކުރި ފައުލަކާ ގުޅިގެން ކުޅުމާ ދުރުގައި ބަހައްޓަައިގެން ކުޅެމުންއައި އާރްއެލްސީއިން ވަނީ ރަނގަޅު ކައުންޓާ އެޓޭކްތަކެއް އުފައްދައި، މެޗުގައި ކުރި ހޯދާފައެވެ.

ފަހު ވަގުތުކޮޅު ޓީރެކްސް އިން ރަނގަޅު ކުޅުމެއް ދައްކައި، އާރްއެލްސީ އާ ދެ ޕޮއިންޓްގެ ތަފާތަކަށް ލީޑް ހަނިކޮށްފައި ވިނަމަވެސް، އެޓީމަށް ވަނީ އާރްއެލްސީގެ މައްޗަށް ކުރި ހޯދޭ ގޮތް ނުވެފައެވެ.

މެޗު ނިމުމުން މެޗާ ދޭތެރޭ އާރްއެލްސީގެ ކޯޗް އަހްމަދް ފަޔާޒް ބުނީ، ޓީމުގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށާއި، ފަހު ވަގުތު ޕެނަލްޓީއަކާއެކު ޓީމްގެ މުހިންމު ކުޅުންތެރިއެއް ބޭރުގައި ހުންނަން ޖެހުމުގެ އުނިކަން ކުޅުމުގެ ތެރޭން ދައްކާފައި ނުވާ ކަމަށެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކާމިޔަބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ބުންޏެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލްގައި އާރުއެލްސީ އާއި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މެޗާ ބެހޭގޮތުން ޓީރެކްސްގެ ކޯޗް ނާހިދު ބުނީ، ދެ ޓީމްގައިވެސް ތިބީ ފެންވަރުގެ ގޮތުން ދާދި އެއްވަރު ކުޅުންތެރިން ކަމަށާއި، ޓީރެކްސްއިން މެޗުގައި ކުޅެފައިވާ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

މި މެޗުގައި ދެޓީމުގައިވެސް ގައުމީ ޓީމަށް ނިސްބަތްވާ ހުނަރުވެރި ކުޅުން ތެރިން ތަކެއް ތިބި އިރު، އެނމެ ފާހާގަ ކޮށްލެވޭ ތިން ކުޅުންތެރިންނަކީ އާރްއެލްސީގެ ފަޒްލީ،، އަފްޝާން އަދި ޒިލާލް އެވެ. މި ތިން ކުޅުންތެރިން މުޅި ޖުމުލަ 12 ފަހަރު މުބާރާތުގެ ތަށި އުފުލާލާފައި ވާއިރު، ދެ ފަހަރެއްގެ މަތިން މި ކުޅުންތެރިން ވަނީ ތަށި މިލްކުވެސް ކޮށްފައެވެ.

މި މެޗް ނިމުމާއެކު، މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އެގޮތުން، 22 ވަނަ އެމްބީއޭ ޗެންޕިއަންޝިޕް ފިރެހެން ޑިވިޝަންގެ އެންމެ ވެލިއުއަބަލް ކުޅުންތެރިއަކަށް ހޮވިފައި ވަނީ އާރްއެލްސީގެ އަހްމަދް ފިރާޝް އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލްގައި އާރުއެލްސީ އާއި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މުބާރާތުގެ އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ޓީރެކްސްގެ އިލްޔާސް އިބްރާހިމް ހޮވިފައި ވާއިރު، އެންމެ މޮޅު އޮފެންސިވް ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކްލަބްގެ އިބްރާހިމް ރަޝްފާން އެވެ.

މުބާރާތުގެ ހަޔަސްޓް ސްކޯރާގެ މަގާމް ހާސިލް ކޮށްފައި ވަނީ އާރްއެލްސީގެ މުހަންމަދު ޒިލާލް އެވެ. އަދި އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް ހޮވިފައި ވަނީ، ދިވެހި ސިފައިންގެ ކްލަބްގެ މުހަންމަދު ނާއިފް ރުޝްދީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ އާރްއެލްސީގެ ކޯޗް އަހުމަދް ފަޔާޒް އެވެ.

މި މުބާރާތާއެކު ބާސްކެޓް އެސޯސިއޭޝަންގެ ކަލަންޑަރުގައި މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަށް ވަނީ ނިމުމަކަށް އައިސްފައެވެ.