އިމިގްރޭޝަނުން ކުރިއަށްގެންދާ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އެންމެ ފަހުން ހުއްޓާލައިފި އެވެ.

އިމިގްރޭޝަނުން މީގެ ކުޑައިރުކޮޅެއް ކުރިން ނެރުނު ބަޔާނުގައިވާ ގޮތުން އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އެންގެވުމުގެ މަތިންނެވެ.

"ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓްގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން އިން ހުއްޓާލެއްވުމަށް އަންގަވާފައިވާތީ، އެ އެންގުމަށް އަމަލުކުރުމުގެ ގޮތުން އެ މަސައްކަތް މަޑުޖައްސާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް ލަފާ އަރުވާފައިވާތީ، އެ މަސައްކަތް ކުރިއަށް ނުގެންގޮސް މިއަދުން ފެށިގެން ވާނީ ހުއްޓާލެވިފައި" ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން، އިލްޔާސް ހުސެއިން އިބްރާހިމް ސޮއިކުރައްވާ ނެރުނު ބަޔާނުގައިވެ އެވެ.

އިލްޔާސް އިއްޔެ ވިދާޅުވީ، ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އޭސީސީން އަންގާފައިވާ ގޮތަށް އެ ޕްރޮޖެކްޓު ހުއްޓާލުމަށް ރައީސް ނަޝީދު ސްޓޭޓް މިނިސްޓާ އިލްޔާސަށް މިއަދު އަންގަވައިފައި ވަނީ، ޕްރޮޖެކްޓް ހުއްޓާލުމާ ގުޅޭ ގޮތުން "ރައީސް ވަކި ގޮތަކަށް ނާންގަވާހާ ހިނދަކު" އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އިލްޔާސް ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު އިއްޔެ ވިދާޅުވީ، އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރައީސް ނަޝީދު ދެކެވަޑައިނުގަންނަވާ ކަމަށެވެ.