ބޮޑުތަކުރުފާނު މަގު، ސްޓެލްކޯ ފުރަގަހުގައި ހިންގި މަރާމާރީއެއްގައި ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މިރޭ 12:45ގައި ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ ނ. ވެލިދޫ އަބްދުﷲ ވިޝާމެވެ.

މަންޒަރުދުށް މީހަކު ސަންއަށް ކިޔައިދިން ގޮތުގައި، އެ ހާދިސާ ހިންގާފައި ވަނީ، އުސްފަސްގަނޑާ ދިމާލު ދުވާރުމަތީގައި ވޭވް ސައިކަލެއް ރޫޅާލައިގެން ވިޝާމް އެ ސައިކަލް ހަދަން ހުއްޓައި ތިން މީހުންގެ ގްރޫޕަކުން ދެ ސައިކަލެއްގައި އައިސް އެވެ.

"ދެ ސައިކަލެއްގައި އައި އެ ތިން މީހުން، ވިޝާމް ގެންގުޅުނު ސިފްޓަރާއި ރެންޗު ތަކަކުން އޭނާގެ ބޮލާއި ގައިގެ އެކި ތަންތަނުގައި ތަޅައިހެދި. އަދި އެމީހުންގެ އަތްފައިން އޭނާއަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށް ހެދި،" އެމީހާ 'ސަން'އަށް ކިޔައިދިނެވެ.

އޭނާ ބުނީ، ވިޝާމަށް ވަރަށް ބޮޑަށް އަނިޔާކުރުމަށް ފަހު އޭނާ ގެންގޮސް އެތާ ކައިރީ އޮތް ޗަކަ ފެންގަނޑެއްގެ ތެެރެއަށް އެމީހުން އެއްލާލި ކަމަށެވެ. އަދި މާރާމާރީ ހިންގުމަށްފަހު އެ ތިންމީހުން އެތަނުން އެނބުރި ދަމުން، ޗަކަ ފެންގަނޑު ތެރެއަށް އެއްލާލާފައި އޮތް ވިޝާމްގެ ގައިމައްޗަށް ސައިކަލުން އެރުވި ކަމަށް ވެސް އެމީހާ ކިޔައިދިނެވެ.

މަންޒަރު ދުށްމީހާ ބުނީ، ވިޝާމް ޗަކަގަނޑުގެ ތެރެއިން ނެގީ، އެ ސަރަހައްދުގައި ތިބި އާންމުންގެ ބަޔަކު ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންގެ ބަޔަކަށް އެތަނުގައި ތިބި އާންމުން ގޮވައި ގެނައުމުން ފުލުހުންގެ ވެހިކަލަށް އަރުވައިގެން ވިޝާމް އައިޖީއެމްއެޗަށް ގެންދިޔައީ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުލުހުންގެ ވެހިކަލަށް އަރުވައިގެން ވިޝާމް ގެންދިޔައިރު، އޭނާ އޮތީ ޗަކަ ފެނުން ތެމި ފޯވެފައި. އޭނާގެ ބޮލާއި ހަށިގަނޑުގައި ވަރަށް ގިނައިން ލޭ އައިސްފައި ހުރި،" ސަންއަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

ފުލުހުން ބުނީ، އުސްފަސްގަނޑު ސަރަހައްދުގައި މިރޭ ހިންގި މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.